އިދިކޮޅު އެމްޑިޕީން ހއ. ދިއްދުއަށް ކޮށްދިން އެއްވެސް ކަމެއް ނެތް ކަމަށް ބާރަސު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ކޮންގްރެސް ޕާޓީގެ ދިއްދޫ ޖަލްސާގައި ރޭ ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ އެމްޑީޕީން އެމީހުންގެ ވެރިކަމުގައި ދިއްދުއަށް ވެފައިވާ އެއްވެސް ވައުދެއް ފުއްދާފައި ނުވާކަމަށެވެ.

Ad
rt

"އިބްރާހީމް މުހައްމަދު ސާލިހު ދޮގު ހެއްދެވީ. ވިދާޅުވީ ދެ ފުޓުބޯޅަ ދަނޑު އަޅާނަމޭ. އެއް ދަނޑުވެސް ނޭޅުނޭ ފަސް އަަހަރު ނިމުނު އިރު. 2010 ވަނަ އަހަރު އެމްޑީޕީން ރައްޔިތުންނަށް ދޮގުހެދުމުގެ ސިލްސިލާ ފަށައިފި. މިއީ ދޮގެއް ނޫން." ޝުޖާއު ވިދާޅުވި އެވެ.

އެ އަހަރުގެ މަސްވެރިންގެ ދުވަހު ހއ. އިހަވަންދޫއަށް އޭރުގެ އެމްޑީޕީގެ ރައީސް ވަޑައިގެން އެ ރަށުގެ ބަނދަރު ބޮޑުކޮށްދޭން ވައުދުވިކަމަށާއި އެކަން ކޮށްދީފައި ނުވާކަމަށް ޝުޖާއު ވިދާޅުވި އެވެ.

އޮންނަ އިޖުތިމާއީ މިންގަނޑުގެ ތެރެއިން ވެރިންގެ އަރިހުގައި ރައްޔިތުން އެދޭ ޝަކުވާތަކުގެ ވާހަކަތައް ދަންނަވަން ކެރޭނެ ގޮތް ހައްދަވާދެއްވީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުކަން ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ ފެށުނީންސުރެ އެމްޑީޕީން ދިޔައީ ރައްޔިތުންނަށް ދޮގު ހަދަމުން ކަމަށެވެ.

ވަކި ވަކި ސިނާއަތްތަކަށް ބަލާއިރު މަސްވެރިކަމުގެ ސިނާއަތް އެމްޑީޕީން ވަނީ ފުނޑާލާފައިކަމަށާއި މަސްވެރި ސިނާއަތުގައި އުޅުނު ގިނަ ޒުވާނުންނަށް ރަށުން ކޮންޓްރެކްޓު ވަޒީފާ ދިނުމަށްފަހު މަހަށް ނިކުތުން ހުއްޓުވާލިކަމަށެވެ. ނަމަވެސް މި ސަރުކާރުން މަސްވެރި ސިނާއަތަށް އަޅާލައި މަސްވެރިންނަށް ދޭންވާން ފައިސާ ދައްކާ ހަލާސްކޮށްފައިވާކަމަށާއި މި ސަބަބާހުރެ ވެސް މިސަރުކާރަށް ރައްޔިތުން ވޯޓު ދޭންޖެހޭކަމަށެވެ.

2018 ވަނަ އަހަރުވެސް މަސްވެރިންނަށް ވައުދުތައް ވީ ކަމަށައި އެހެންނަމަވެސް އެ ދައުރުވެސް ނިމިގެންދިޔައީ އެންމެ ވައުދެއްވެސް ނުފުއްދާކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ،

ޝުޖާއު ވިދާޅުވީ އިންތިހާބުތައް ބޯމަތިވެފައިވާއިރު އެމްޑިީޕީން ގެންގުޅޭ ވައުދު ނުފުއްދުމުގެ ސިޔާސަތު ރައްޔިތުން ހަނދާންކުރައްންޖެހޭނެކަމަށާއި އެކަމާމެދު ރައްޔިތުން ވިސްނަންޖެހޭ ކަމަށެވެ.