މިއަދު މުޅި ރާއްޖޭގައި އިއްވި ފިތުރު އީދު ހުތުބާގައި، މުސްލިމުންގެ މެދުގައި އޮންނަންޖެހޭ އެއްބައިވަންތަކަން ދަމަހައްޓައި، ޙަސަދަވެރިކަމާއި ބައިބައިވުމުން ދުރުހެލިވުމަށް މުޅި އިސްލާމީ އުންމަތަށް ގޮވާލައިފިއެވެ.

"ފިޠުރުޢީދުގެ އުފަލާއި އަދަބުތައް" މި މައުލޫއަށް އިއްވި ހުތުބާގައި، އީދަކީ މުސްލިމުންގެ އެކުވެރިކަމާއި އޯގާތެރިކަން ހާމަކޮށްދޭ މުހިންމު މުނާސަބަތެއްކަން ވަނީ ފާހަގަކޮށްފައެވެ.

Ad
rt

އިޖުތިމާޢީ ގުޅުމާއި އެއްބައިވަންތަކަން

ހުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، އީދުގެ މަންޒަރުތަކުން ފެންނަނީ ކުޑަކުދިންނާއި ބޮޑެތިމީހުން، އަދި އަންހެނުންނާއި ފިރިހެނުންގެ މެދުގައިވާ ވަރުގަދަ ގުޅުމެވެ. މީގެ އިތުރުން ފަޤީރުންނާއި މުއްސަނދީންގެ މެދުގައި އޮންނަ ރަޙުމަތްތެރިކަމާއި، މާތް ﷲއަށް ޙަމްދުކޮށް ތަކުބީރު ކިޔުމުގައި މުސްލިމުން ދައްކުވައިދޭ އެއްބައިވަންތަކަމަކީ އީދުގެ އެންމެ މުހިންމު އެއް ސިފައެވެ.

ޙައްޤުތައް އަދާކުރުމާއި ރަޙިމުގެ ގުޅުން

ކޮންމެ މީހަކުވެސް އަނެކާގެ ޙައްޤުތައް އަދާކުރުމަށް ބާރުއަޅަމުން ހުތުބާގައި ބުނީ، އެންމެ ފުރަތަމަ އަދާކުރަންޖެހޭނީ މާތް ﷲގެ ޙައްޤުތައް ކަމަށެވެ. އެއަށްފަހު މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއި، ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަން ހުތުބާގައި ހަނދާންކޮށްދިނެވެ. ރަޙިމުގެ ގުޅުމާ ގުޅޭގޮތުން ކީރިތި ރަސޫލާގެ ޙަދީޘްފުޅެއްގެ މާނަ ގެނެސްދެމުން ބުނީ، "ރަޙިމުގެ ގުޅުން ދަމަހައްޓާ މީހާއީ، އޭނާއަށް ދޭ އެއްޗަކަށް ބަދަލުދޭ މީހާއެއް ނޫނެވެ. އެކަމަކު އެ ގުޅުން ދަމަހައްޓާ މީހާއީ އޭނާގެ ރަޙިމުގެ ގުޅުން ކެނޑޭ ހިނދު، އެ ގުޅުން ދަމަހައްޓާ މީހާއެވެ."

ދީލަތިކަމާއި ޒަކާތުގެ މުހިންމުކަން

މިއަދަކީ ރޯދައިގެ އަޅުކަން ފުރިހަމަ ކުރެވުނީތީ އެކަމަށް ޝުކުރުވެރިވެ، ދީލަތިވުމުގެ ދުވަހެއްކަން ހުތުބާގައި ފާހަގަކުރިއެވެ. އީދު ނަމާދުގެ ކުރިން ފިޠުރު ޒަކާތް ނެރުމަށް އަންގަވާފައިވަނީ ފަޤީރުންނާއި މިސްކީނުން އީދުގެ އުފަލުގައި ބައިވެރިކުރުމަށްޓަކައި ކަމަށާއި، މިއީ އިޖުތިމާޢީ ގޮތުން އެންމެން ގުޅުވައިދޭ ކަމެއް ކަމަށް ބުންޏެވެ.

ޝަރުޢީ މިންގަނޑުތަކުގައި ހިފެހެއްޓުން

އީދުގެ އުފާ ފާޅުކުރުމުގައި އިސްލާމީ ޝަރީޢަތުގެ މިންގަނޑުތަކުން ބޭރުނުވުމަށް ހުތުބާގައި ވަނީ ވަޞިއްޔަތްކޮށްފައެވެ. "އިސްލާމީ ސަގާފަތާ ބީރައްޓެހި ކުޅިވަރުތަކަށް އަހަރެމެންގެ ޢީދުތަކުގައި ޖާގަނުދޭށެވެ،" ހުތުބާގައި ބުނެފައިވެއެވެ. ނިމިދިޔަ ރަމަޟާން މަހަކީ އަޅުކަންތަކުގައި ހޭދަކުރި މީހުންނަށް ހެކިވެރިވާނެ މަހެއްކަން ހަނދާންކޮށްދެމުން، އީދުގެ އުފާވެރިކަމުގައި އެންމެން ބައިވެރިކުރުމަށް އިލްތިމާސްކުރިއެވެ.