ވ. ފެލިދޫ ކައިރިން ދަތުރުކުރަމުން ދިޔަ ލޯންޗެއް ރޭ ބަންޑުން ޖަހައިލި ހާދިސާގައި ގެއްލިގެން ހޯދަމުން ދަނީ އިންޑިއާގެ ދެ ރައްޔިތުންކަމަށް ފުލުހުން ބުނެފިއެވެ.

މި ހާދިސާގެ ފަހުގެ މައުލޫމާތު ދެމުން ފުލުހުން ބުނީ، މި ހާދިސާ ހިނގި ވަގުތު އެ ލޯންޗުގައި ޖުމުލަ ހަތް މީހުން ތިބިކަން މިހާރު ވަނީ ކަށަވަރު ކުރެވިފައިވާ ކަމަށެވެ.

Ad
rt

މި ހާދިސާގައި ލޯންޗުން ދަތުރުކުރީ ޔޫކޭ އާއި ރަޝިއާއަށް ނިސްބަތްވާ ދެ އަންހެނުންގެ އިތުރުން އިންޑިއާއަށް ނިސްބަތްވާ ފަސް ފިރިހެނުންނެވެ.

ލޯންޗު ބަންޑުން ޖަހައިލި ވަގުތު އޭގެ ތެރެއިން ފަސް މީހަކު ވަނީ މޫދަށް ވިއްސައިގެން ގޮސްފައެވެ. މޫދަށް ވެއްޓުނު މީހުންގެ ތެރޭގައި ހިމެނެނީ ރަޝިއާގެ އަންހެން މީހާގެ އިތުރުން އިންޑިއާގެ ހަތަރު ފިރިހެނުންނެވެ.

ފެލިދޫ ކައިރިން ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައި ދެ މީހަކު ގެއްލިއްޖެ

ފުލުހުން ބުނިގޮތުގައި މި ހާދިސާގައި ގެއްލިގެން މިހާރު ހޯދަމުންދަނީ އިންޑިއާއަށް ނިސްބަތްވާ ދެ ފިރިހެނުންކަމަށެވެ.

މި ހާދިސާގެ ރިޕޯޓު އެ އިދާރާއަށް ލިބިފައިވަނީ 2026 މާރިޗު 19 ވަނަ ދުވަހުގެ ރޭ ދަމުން 01:15 އެހައިކަންހާއިރު ކަމަށް ފުލުހުން ވަނީ ކުރިން ބުނެފައެވެ. އަދި ރިޕޯޓު ލިބުމާއެކު ގެއްލުނު މީހުން ހޯދުމުގެ އޮޕަރޭޝަނެއް ފުލުހުން ވަނީ ވަގުތުން ފަށާފައެވެ.

މި ހާދިސާގައި ތިން މީހަކަށް އެކި ވަރުގެ އަނިޔާ ލިބިފައިވާތީ، އެ މީހުންނަށް މިހާރު ދަނީ ވ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

މި ހާދިސާ ހިނގައިގެން ހަރަކާތްތެރިވަމުން އަންނަކަމަށް އެމްއެންޑީއެފުން ވެސް ވަނީ ބުނެފައެވެ.