ކޮވިޑް-19 ފެތުރޭތީ، އުމްރާ އަށް މީހުން ދިއުމާއި މަސްޖިދުއް ނަބަވީ އަށް ޒިޔާރަތްކުރުން ސައޫދީ ސަރުކާރުން ވަގުތީ ގޮތުން މަނާކޮށްފައިވާތީ އުމްރާގެ އަޅުކަމަށް ދިއުމަށް ކުރަންޖެހޭ ކަންކަން މަޑުޖައްސާލުމަށް އިސްލާމިކް މިނިސްޓްރީން މިއަދު އަންގައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ސަޢުދީ ޢަރަބިއްޔާއިން ޢުމްރާ ވިސާދޫކުރުން ހުއްޓާލާ މިހާރުން ފެށިގެން ވަގުތީގޮތުން ސަޢުދިީ ޢަރަބިއްޔާއަށް އެތެރެ ނުވެވޭނެކަން ޢާއްމުކޮށް ޢިއުލާންކޮށްފައިވާތީ ޢުމްރާއަށް މީހުން ގެންދިއުމުގެ ކަންކަން މަޑުޖައްސާލަން ކުންފުނިތަކަށް މިނިސްޓްރީން މިހާރުވާނީ އަންގާފައި ކަމަށެވެ.

Ad
rt

އުމްރާގެ އަޅުކަމަށް ސައޫދީ ރައްޔިތުން ނޫން އެހެން މީހުން ދިއުން އެ ގައުމުން މިއަދު ވަނީ ވަގުތީ ގޮތުން މަނާކޮށްފަ އެވެ.

އުމްރާގެ އަޅުކަމާ ގުޅޭ ގޮތުން ސައޫދީ ސަރުކާރުން ނިންމާ ގޮތަކާ ބެހޭ ގޮތުން މައުލޫމާތު ލިބޭ ވަރަކުން ހާމަކުރަމުން ގެންދާނެ ކަމަށް ވެސް މިނިސްޓްރީއިން ބުނެ އެވެ.

ޗައިނާގައި މިދިޔަ އަހަރު ފެތުރެން ފެށި ކޮވިޑް-19 މުޅި ދުނިޔެ އަށް ފެތުރި ނުރައްކާ ވަނީ ބޮޑުވެފަ އެވެ. ނޭވާލާ ނިޒާމަށް ޖެހޭ މި ބަލި 80،000 އަށް ވުރެ ގިނަ މީހުންނަށް ޖެހި 2،770 މީހަކު ވަނީ މަރުވެފަ އެވެ. އަދި މިހާތަނަށް 46 ގައުމަކުން ވަނީ ބަލި ފެނިފަ އެވެ.