ހދ ނެއްލައިދޫ ބަނދަރު ބޮޑުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮއްސި އެވެ.

ނެއްލައިދޫކައުންސިލްގެ ރައީސް އިބްރާހިމް ނާޒިމް ވިދާޅުވީ އެރަށުގެ ބަނދަރުގެ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނާއި މީހުން މިއަދު އެރަށް ގޮސްފައިވާ ކަމަށެވެ.

Ad
rt

މިއަދު އެމްޓީސީސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އެ ކުންފުނިން ޕްރޮޖެކްޓުތައް ކުރިއަށްގެންދާ ރަށްރަށުގައި މަސައްކަތްކުރާނެ ސްކިލްޑް އަދި އަން ސްކިލްޑް މުވައްޒަފުން ބޭނުންވާ ކަމަށެވެ. އާޒިމް ވިދާޅުވީ އެކުންފުނިން ޕްރޮޖެކްޓުތައް ހިންގާ ރަށްރަށުގައި ވަޒީފާތައް އުފެއްދުމަށް މަސައްކަތް ކުރައްވާ ކަމަށެވެ. އެގޮތުން އަންނަ މަހު މަސައްކަތަށް މޮބިލައިޒްވާ 10 ރަށެއް ހިމެނޭކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އެގޮތުން ނެއްލައިދޫ ބަނދަރު މަސައްކަތަށް ބޭނުންވާ ސްޕްވައިޒަރ، އެސިސްޓެންޓް އެޑްމިން އޮފިސަރ، އެސިސްޓެންޓް އިންވެންޓްރީ އޮފިސަރ، މޭސަން، ކާރޕެންޓަ، ކައްކާއަކާއި ކައްކާގެ އެހީތެރިއެއްގެ އިތުރުން 5 ހޭނޑީ ޕާރސަން ބޭނުންވެގެން ނެއްލައިދޫ ކައުންސިލުން ވަނީ މިމަހުގެ 25 ވަނަ ދުވަހު އިޢުލާން ކޮށްފައެވެ.

ނެއްލައިދޫ ބަނދަރުގެ އެންވައިރަމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހަދައިދޭނެ ބަޔަކު ހޯދަން އިޢުލާންކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ3 ވަނަ ދުވަހުއެވެ.

ނެއްލައިދޫ ބަނދަރު ހެދުމުގެ މަޝްރޫއު އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭ ނިންމުމަށެވެ. މި މަޝްރޫއަށް 47.6 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ. މި މަޝްރޫއަކީ ނެއްލައިދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރުމަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. މިނިސްޓްރީ އޮފް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗާއިން އެމްޓީސީސީއާއި މިމަސައްކަތް ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ 27 ވަނަ ދުވަހުއެވެ.

ނެއްލައިދޫގައި މިހާރު ބޭނުން ކުރެވެމުންދާ ބަނދަރަކީ 2011 ވަނަ އަހަރު ހަދަންފެށި އަދި 2014 އަހަރު ބޭނުންކުރަން ފެށި ބަނދަރެކެވެ. އޭގެ ފަހުން ބަނދަރު ތެރެއަށް ރަށްވަށައި ވޮޑޭ ވެލިގަނޑު ވަންނަ މައްސަލައެއް ފެންމަތިވިއެވެ. މިދިޔަ އަހަރުގެ ކުރީކޮޅު ބަނދަރު ފުންކޮށްފައި ވަނިކޮން އަނެއްކާވެސް ބަނދަރު ތެރެއަށް ވެލިވަދެ ފިނޮޅެއް އުފެދުމުގެ ސަބަބުން އެރަށުގެ ރައްޔިތުންނަށް ބަނދަރު ބޭނުން ކުރުމުގައި ވަނީ ދަތިތަކާއި ކުރިމަތިވެފައެވެ. އެގޮތުން މޫސުންގޯސްވެ ރަށު ތެރެއަށް ލޮނުގަނޑު އަރައި ރަށުގެ ފެން ލޮނުވުމުގެ ތަފާތު މައްސަލަތަކާއިވަނީ ކުރިމަތިވެފައެވެ.