އދ. ދިގުރަށުގެ އެކަމޮޑޭޝަން ބްލޮކެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ބަންގްލަދޭޝްގެ ފަސް ރައްޔިތަކު މަރުވެ ދެ މީހަކަށް އަނިޔާވުމާއި ގުޅިގެން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިޤް ރަޙްމާނަށް ތަޢުޒިޔާގެ ސިޓީފުޅެއް ފޮނުއްވައިފިއެވެ.
13 މާރިޗު 2026 ވީ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ހިނގި މި ހާދިސާގައި ފަސް މީހަކު މަރުވުމުގެ އިތުރުން، އިތުރު ދެ މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ.
ރައީސް މުޢިއްޒު ބަންގްލަދޭޝްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅުގައި، މި ހިތާމަވެރި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ބަންގްލަދޭޝްގެ ބޮޑުވަޒީރަށާއި ސަރުކާރަށް، އަދި ވަކިން ޚާއްޞަކޮށް މި ހާދިސާގައި ފުރާނަ ގެއްލިދިޔަ ފަރާތްތަކުގެ ޢާއިލާތަކަށް ނުހަނު އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފަވެއެވެ.
މީގެއިތުރުން، މި ހާދިސާގެ ސަބަބުން އަސަރުކުރި ހުރިހާ ފަރާތްތަކާއެކު ދިވެހިން ތިބިކަން ހާމަކުރައްވައި، އަނިޔާވި ފަރާތްތަކަށް އަވަސް އަދި ފުރިހަމަ ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ދިވެހި މުޖުތަމަޢުގައި ބަންގްލަދޭޝްގެ ރައްޔިތުން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވަމުން، މިފަދަ ބޮޑު ހާދިސާއެއްގެ ސަބަބުން ލިބުނު ފުން ހިތާމައިގައި ރާއްޖެއިން ބައިވެރިވާކަމަށް ރައީސްގެ ސިޓީފުޅުގައި ބަޔާންކުރައްވާފައިވެއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބުތައް ވަރަށް ގާތުން ތަޙުޤީޤު ކުރުމަށާއި، މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކަށް މިހާރު އިރުޝާދު ދެއްވާފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!