އިރާގުގެ އުރުބީލް ސަރަހައްދަށް ދިން ޑްރޯން ހަމަލާއެއްގައި ފަރަންސޭސި ސިފައިންގެ މީހަކު މަރުވެ، އިތުރު ބަޔަކު ޒަޚަމްވެފައިވާކަން ފަރަންސޭސި ރައީސް އިމަނުއެލް މެކްރޮން 13 މާރިޗު 2026 ވީ ހުކުރު ދުވަހު ކަށަވަރުކޮށްދެއްވައިފިއެވެ.
މިއީ މިދިޔަ މަހުގެ ފަހުކޮޅު އެމެރިކާ، އިޒްރޭލު އަދި އީރާނުގެ މެދުގައި ފެށުނު ހަނގުރާމަ ވަރުގަދަވި ފަހުން، އެ ސަރަހައްދުގައި ފަރަންސޭސި ސިފައިންގެ މީހަކު މަރުވި ފުރަތަމަ ފަހަރެވެ.
މަރުވި ސިފައިންގެ މީހަކީ "ސެވަންތް ބެޓޭލިއަން އޮފް ޗެސާސް އަލްޕިންސް" އަށް ނިސްބަތްވާ ޗީފް ވޮރަންޓް އޮފިސަރު އާނޯ ފްރިއޮން އެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ އުރުބީލްގެ ހުޅަނގު ދެކުނުން ގާތްގަނޑަކަށް 60 ކިލޯމީޓަރު ދުރުގައި އޮންނަ މަޚްމޫރު ސަރަހައްދުގައި ހުންނަ ކުރުދީ (ޕެޝްމާގާ) އަދި ފަރަންސޭސި ސިފައިންގެ ގުޅިފައިވާ މަރުކަޒަކަށެވެ. މި ހަމަލާގައި އެކަކު މަރުވުމުގެ އިތުރުން، ފަރަންސޭސި ސިފައިންގެ އިތުރު ހަ މީހަކު ޒަޚަމްވެފައިވެއެވެ.
މި ސިފައިން އިރާގުގައި ތިބީ އައި.އެސް އާ ދެކޮޅަށް ކުރާ މަސައްކަތުގައި އިރާގު އަދި ކުރުދީ ސިފައިންނަށް ޓެރަރިޒަމާ ދެކޮޅަށް ތަމްރީނު ދިނުމަށެވެ. އެމީހުންނަކީ އީރާނާ ދެކޮޅަށް އެމެރިކާ އިސްވެ އޮވެ ހިންގާ އަސްކަރީ ހަރަކާތްތަކުގައި ބައިވެރިވާ ބައެއް ނޫންކަން ފަރަންސޭސި ސަރުކާރުން ފާހަގަކުރެއެވެ.
ރައީސް މެކްރޮން ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް މި ހަމަލާ ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.
"އިރާގުގައި އެމީހުން ތިބީ ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގެ ހަރުދަނާ އޮނިގަނޑެއްގެ ތެރެއިން. އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަކީ މިފަދަ ހަމަލާތަކަށް ދެއްކޭނެ އުޒުރެއް ނޫން" މެކްރޮން ވިދާޅުވެފަވެއެވެ.
މި ހަމަލާގެ ޒިންމާ ވަކި ޖަމާއަތަކުން ރަސްމީކޮށް އުފުލާފައި ނުވިނަމަވެސް، މިއީ އީރާނުގެ ތާއީދުލިބޭ "އިސްލާމިކް ރެސިސްޓެންސް އިން އިރާގު" ގްރޫޕުން ދެމުންދާ ހަމަލާތަކުގެ ބައެއް ކަމަށް ބެލެވެއެވެ. ހަމަ އެ ދުވަހު އުރުބީލް ކައިރީގައި ހުންނަ އިޓަލީގެ އަސްކަރީ މަރުކަޒަކަށް (ކޭމްޕް ސިންގާރާ) ވެސް ވަނީ ޑްރޯން ހަމަލާއެއް ދީފައެވެ. އިޓަލީގެ އޮފިޝަލުން ކަށަވަރުކޮށްދޭ ގޮތުގައި އެ މަރުކަޒަކީ ނޭޓޯގެ މުވައްޒަފުން ތިބޭ ތަނަކަށް ވުމުން، މިއީ ގަސްދުގައި ދީފައިވާ ހަމަލާއެކެވެ.
މި ނުރައްކާތަކާ ގުޅިގެން، ފަރަންސޭސިވިލާތުގެ އަސްކަރީ މަނަވަރު "ޗާލްސް ޑި ގޯލް" އާއި އޭގެ އެހީތެރި އުޅަނދުތައް މިހާރު ދަނީ މެދުދަރިޔާ ކަނޑުގެ އިރުމަތީ ސަރަހައްދަށް ދަތުރުކުރަމުންނެވެ. މީގެ ބޭނުމަކީ އެ ސަރަހައްދުގައި ފަރަންސޭސިވިލާތުގެ ދިފާއީ ބާރު ވަރުގަދަކޮށް، ސިފައިންގެ ސަލާމަތްތެރިކަން ކަށަވަރުކުރުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!