އދ. ދިގުރަށުގައި ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ އެކަމަޑޭޝަން ބްލޮކެއްގައި ރޭ ރޯވެ ފަސް ބިދޭސީއަކު ނިޔާވެއްޖެއެވެ.
ރޭ މެންދަމު ފުލުހުން މީޑިއާ ގްރޫޕަށް ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ އދ. ދިގުރަށުގައި ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ އެކަމަޑޭޝަން ބްލޮކެއްގައި ހިނގި އަލިފާނުގެ ހާދިސާ އެއްގައި އަށް މީހަކަށް އެކިވަރުގެ އަނިޔާ ލިބިގެން ދިގުރަށު ސިއްޙީ މަރުކަޒަށް ގެންގޮސްފައި ވާކަމަށެވެ.
މި ހާދިސާގައި އަނިޔާލިބުނު މީހުންގެ ތެރެއިން ފަސް މީހަކު ވަނީ މަރުވެފައިކަމަށް ވެސް ފުލުހުން ބުނެފަވެއެވެ.
''މި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބި، ބޮޑަށް ފިހިފައިވާ ދެ މީހަކަށް އިތުރު ފަރުވާ ދިނުމަށްޓަކައި ވަނީ މާލެ ގެނެސްފައި'' ފުލުހުން އިތުރަށް ބުނެފަވެއެވެ.
ފުލުހުން ބުނިގޮތުގައި މި ހާދިސާގެ ތަހުގީގަށް މާލެއިން ހާއްސަ ޓީމެއް ދިގުރަށަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ތަހުގީގު ޓީމުގައި މެޑިކަލް ޑޮކްޓަރެއް ހިމެނެއެވެ.
މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިރޭ 2:00 އެހައިކަންހާއިރު އެވެ. ރޯވި އަލިފާން ރޭ ވަނީ ނިއްވާލާފައެވެ.
ދިގުރަށު މީހަކު، އެރަށުގައި އަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭ މަންޒަރު ފެންނަ ވީޑިއޯއެެއް ރޭ ފޭސްބުކްގައި ހިއްސާކުރަމުން ބުނެފައި ވަނީ އަލިފާން ރޯވީ އެރަށު ޑައިވިންގ ސެންޓަރެއް ކައިރީގައި ހުރި ގެއެއްގައި ކަމަށެވެ. އެ ގެޔަކީ ކޮންސްޓްރަކްޝަން މަސައްކަތްކުރާ ބިދޭސީން ތަކެއް އުޅޭތަނެއްކަމަށް ވެސް އޭނާ ބުނެފަވެއެވެ. އަދި އަދި އަލިފާން ރޯވީ ގޭސް ލީކުވުމުގެ ސަބަބުން ކަމަށް ވެސް އޭނާ ބުނެފަވެއެވެ.
މިހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ކަމާބެހޭ ފަރާތްތަކުން ހާމައެއް ނުކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!