ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ތާއީދުކޮށްފިއެވެ.
އެ ޕާޓީން މިކަމަށް ތާއީދުކޮށް ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އިންތިޚާބުތައް އެއްކޮށްލުމުން ދައުލަތުން އިންތިޚާބުތަކަށް ކުރަންޖެހޭ ބޮޑެތި ޚަރަދުތައް ސަލާމަތްވެ، ދައުލަތުގެ ދަރަނި މެނޭޖްކުރުމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. މިއީ ގައުމުގެ މާލީ ހާލަތު ރަނގަޅު ކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ ޕާޓީން ސިފަކުރެއެވެ.
އެ ޕާޓީން ބުނީ އެމްޑީއޭގެ ރައީސް މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދަކީ އަބަދުވެސް އިގުތިސާދީ ހަމަޖެހުމާއި ޒިންމާދާރު ސިޔާސަތުތަކަށް ވަކާލާތުކުރައްވާ ބޭފުޅެއް ކަމަށެވެ. އެހެންކަމުން، މި ނިންމުމަކީ ގައުމުގެ ކުރިއެރުމަށާއި އިގުތިސާދީ ވަރުގަދަކުރުމަށް ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް އެމްޑީއޭ އިން ބުނެއެވެ.
ދެ އިންތިޚާބު އެއްކޮށްލުމާ މެދު ރައްޔިތުންގެ މެދުގައި ބަހުސް ކުރެވެމުންދާއިރު، މިކަމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ވަނީ ނިންމާފައެވެ. މި ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ އިންތިޚާބު ވެސް އޮންނަ ދުވަހު، އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހުއެވެ.
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް އެމްޑީއޭ އިން ތާއީދުކުރިއިރު، ސަރުކާރުގެ ހިންގާ ޕީއެންސީން ވެސް ވަނީ އެކަމަށް ތާއީދުކޮށްފައެވެ. އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވެސް ވަނީ އެކަމަށް ތާއީދުކުރަށްވާކަން ހާމަކުރަށްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!