ށ. އަތޮޅު ހޮސްޕިޓަލުން ވާހަކަ ދެއްކުމާއި، ބަހާއި، މުވާސަލާތުކުރުމުގައި ދަތިތަކެއް ކުރިމަތިވާ ފަރާތްތަކަށް އެހީތެރިވުމަށްޓަކައި ސްޕީޗް އެންޑް ލެންގުއޭޖް ތެރަޕީގެ ޚިދުމަތް ރަސްމީކޮށް ތައާރަފްކޮށްފިއެވެ.
މި ޚިދުމަތް ފެށިކަން އެ ހޮސްޕިޓަލުން ވަނީ ބުރާސްފަތި ދުވަހު މީސްމީޑިއާ މެދުވެރިކޮށް އިއުލާނުކޮށްފައެވެ.
ށ. އަތޮޅު ހޮސްޕިޓަލުން ބުނީ މި ޚިދުމަތުގެ ފައިދާ ލިބިގަންނަން ބޭނުންވާ ފަރާތްތަކަށް މިހާރު ވެއިޓިން ލިސްޓުގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން ވެއިޓިން ލިސްޓުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އެ ހޮސްޕިޓަލުގެ ނަންބަރު 6540061 އަށް ގުޅުއްވައިގެން ރަޖިސްޓްރީ ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
މި ޚިދުމަތުގެ ދަށުން ގިނަ ފަރުވާތަކެއް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ސިކުނޑިއަށް ލިބޭ ގެއްލުމެއްގެ ސަބަބުން ނުވަތަ އޮޕަރޭޝަނެއްގެ ސަބަބުން ކާބޯތަކެތި ދިރުވުމަށާއި ވާހަކަ ދެއްކުމަށް ދިމާވާ ދަތިތަކަށް ދެވޭ ފަރުވާއާއި، އަކުރުކިޔަން ދަތިވުމާއި، އާގަތުމާއި، އަދި ވާހަކަ ދެއްކުން ލަސްވުމުގެ މައްސަލަތަކަށް ދެވޭ ތެރެޕީ ހިމެނެއެވެ. މީގެ އިތުރުން ވިސްނުމާއި ބެހޭ ހުނަރުތަކާއި، މީހުންނާއި ގުޅިގެން އުޅުމުގެ ހުނަރުތައް ދަސްކޮށްދިނުމުގެ އިތުރުން ޑިސްޕޭޖިއާ ތެރަޕީއާއި އަޑުގެ ތެރެޕީވެސް މި ޚިދުމަތުގެ ތެރެއިން ލިބިގެންދާނެއެވެ.
ހޮސްޕިޓަލުން ބުނި ގޮތުގައި އެ ފަރާތުގެ ޓީމަކީ ޕްރޮފެޝަނަލް ކެއާގެ ތެރެއިން ބަލިމީހުންގެ މުވާސަލާތީ ޤާބިލުކަން އިތުރުކޮށް، ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ވައުދުވެފައިވާ ޓީމެކެވެ. މި ޚިދުމަތުގެ ސަބަބުން އުނގެނުމުގައާއި އަޑުއިވުމުގައި ދަތިތައް ހުންނަ ފަރާތްތަކަށްވެސް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ހޮސްޕިޓަލުން އުންމީދު ކުރެއެވެ.
ށ. އަތޮޅު ހޮސްޕިޓަލުގައި މި ޚިދުމަތް ފެށިގެން މިދިޔައީ ރައްޔިތުންގެ ވަރަށް ބޮޑު އެދުމަކަށެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ށ. ފުނަދޫއަށް ކުރެއްވި ޒިޔާރަތުގައި، އެރަށުގެ ގިނަ ރައްޔިތުން ވަނީ ސްޕީޗް ތެރަޕީގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަށް އެދިފައެވެ. އެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުން އެދުނު ފަދައިން އެ ޚިދުމަތް ގާއިމުކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!