މެދުއިރުމަތީގައި ކުރިއަށްދާ ހަނގުރާމައިގެ އަސަރު ރާއްޖެއަށް ވެސް ކުރަމުންދާ ކަމަށާއި އެހެން ނަމަވެސް މި ހާލަތު ބަދަލުކުރުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ މެދުއިރުމައްޗަކީ ވެސް ރާއްޖެ އަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ ސަރަހައްދަކަށް ވީިއިރު ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުކުރާ ކަމަށެވެ. އެގޮތުން މިއަދުގެ ހާލަތަށް ބަލާއިރު މިއަދު ވެސް ރާއްޖެއަށް 53 ޝެޑިއުލް ފްލައިޓް އަންނަން އޮތްއިރު، އޭގެ ތެރެއިން 18 ފްލައިޓް ކެންސަލް ވެފައިވާ ކަމަށް އަމީން ވިދާޅުވި އެވެ.

Ad
rt

އަމީން ވިދާޅުވީ ކެންސަލްވެފައިވާ ފްލައިޓުތަކުގެ ތެރޭގައި ދުބާއީ، އަބޫދާބީ، ދޯހާ،ޝާރްޖާ އަދި ބަހްރޭނުގެ އެއާލައިންތަކުން ރާއްޖެއަށް ޝެޑިއުލް ކޮށްފައިވާ ދަތުރުތައް ހިމެނޭ ކަމަށެވެ.

ފްލައިޓުތައް ކެންސަލްވުމުން ކުރިން ރާއްޖެ އައިސްފައިވާ ފަތުރުވެރިންނަށް އަނބުރާ ދިއުމުގައި ހުރި ގޮންޖެހުންތަކާ ބެހޭ ގޮތުން ވަޒީރު ވިދާޅުވީ ގާތްގަނޑަކަށް 379 ފަތުރުވެރިން އެއާޕޯޓުގައި ތާށިވެފައި ތިބި ކަމަށާއި ސަރުކާރުން ހަމަޖައްސައިގެން އެއާޕޯޓުގައި ތައްޔާރުކޮށްފައިވާ ފެސިލިޓިގައި މީގެ ތެރެއިން 110 ފަތުރުވެރިން މިހާރު ބައިތިއްބާފައި ވާކަމަށެވެ.

މިހާލަތުގެ ސެކަންޑްރީ އިމްޕެކްޓް އަންނަ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަން ވަޒީރު ފާހަގަކުރެއްވި އެވެ. ވަޒީރު ވިދާޅުވީ ހާލަތު މިހެން އޮތް ނަމަވެސް ކޮންމެ ވެސް ވަރަކަށް ކޮމާޝަލް ފްލައިޓްތައް އޮޕަރޭޓް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ރޭ އެމިރޭޓްސްގެ ފްލައިޓެއް ރެސްކިއު ފްލައިޓެއްގެ ގޮތުގައި ރާއްޖެއަށް އައިސްފައިވާ ކަމަށް ވިދާޅުވި އެވެ. މިއީ ލިމިޓެޑް އޮޕަރޭޝަންތަކެއް ކަން ފާހަގަކުރައްވައި ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓާއި ޝާރްޖާ އެއާޕޯޓުގައި ވެސް ވަކި ކޮރިޑޯއެއްގެ ތެރެއިން، ލިމިޓެޑް އޮޕަރޭޝަންސްތަކެއް ހިންގަމުން އަންނަކަން ވަޒީރު ފާހަގަކުރެއްވި އެވެ. ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ ގިނަ އެއާޕޯޓުތައް އަދިވެސް އޮތީ ބަންދުކޮށްފައިކަން ވަޒީރު ފާހަގަކުރެއްވި އެވެ.

"ދޯހާ އެއާޕޯޓު އޮތީ މިރޭ 9:00 އާ ހަމައަށް ބަންދުކޮށްފައި، އެހެންނަމަވެސް އޮމާންގެ މަސްކެޓް އެއާޕޯޓު ހުޅުވާލައި ރާއްޖެއަށް ވެސް ދަތުރު ފަށާފައި ވަނީ." ވަޒީރު ވިދާޅުވި އެވެ.

މިހާރު އޮތް ހާލަތު ބަދަލުކޮށް ގެއްލުން ކުޑަކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށާއި 100 އިންސައްތައިގެ ހައްލެއް ނުލިބުނު ނަމަވެސް ޓޫރިސްޓު އެރައިވަލް އިތުރުކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ވަޒީރު ވިދާޅުވި އެވެ.