އަމިއްލަ ޖަމާއަތެއް ކަމަށްވާ އަލްއަބްރާރް ގްރޫޕްގެ ފަރާތުން އުމްރާ ދަތުރު ކެންސަލް ކުރުމާ ގުޅިގެން ހާލުގައި ޖެހުނު 28 މީހަކު، މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ އެހީތެރިކަމާއެކު މިއަދު އުމްރާގެ އަޅުކަމަށް ފުރައިފިއެވެ.
މި މީހުން ފުރާފައިވަނީ މިއަދު ހެނދުނު މޯލްޑިވިއަންގެ ފްލައިޓެއްގައެވެ.
މިކަމާ ގުޅިގެން ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޝަކީލް ވިދާޅުވީ، މިއަހަރުގެ ރަމަޟާން މަހު އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަމިއްލަ ގްރޫޕަކުން ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު އިންތިޒާމުތައް ހަމަޖައްސާފައި ނުވާތީ، އެ މީހުންގެ އެދުމުގެ މަތިން ކޯޕަރޭޝަނުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އެގޮތުން ޖާގަ އޮތް މިންވަރުން 28 މީހަކަށް ވިސާ ހަމަޖައްސައި، މައްކާ އާއި މަދީނާއިން އެކޮމޮޑޭޝަނާއި، ކެއިންބުއިމާއި ދަތުރުފަތުރުގެ ހުރިހާ އިންތިޒާމެއް ހައްޖު ކޯޕަރޭޝަނުން ވަނީ ހަމަޖައްސައިދީފައެވެ.
އަލްއަބްރާރް ގްރޫޕުން އުމްރާއަށް ދިއުމަށް ފައިސާ ދެއްކި މުހައްމަދު މާޒިން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ، ދަތުރު ކެންސަލްވުމުން ކުރިމަތިވި ހިތްނުތަނަވަސްކަމުގައި އެ ގްރޫޕްގެ ދަތުރުވެރިން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާ ބައްދަލުކުރި ކަމަށެވެ. މިނިސްޓަރު ވަނީ ވަރަށް ކެތްތެރިކަމާއެކު ކަންބޮޑުވުންތައް އަޑުއައްސަވައި، ފުރޭނެ މަގެއް ހޯދައިދިނުމަށް އަމަލީ ގޮތުން މަސައްކަތް ކޮށްދެއްވާފައި ކަމަށް އޭނާ ބުންޏެވެ.
މާޒިން އިތުރަށް ބުނިގޮތުގައި، ވަގުތު ކުޑަތަންވެފައި ވަނިކޮށް ހައްޖު ކޯޕަރޭޝަނުން 25 ޖާގަ ލިބެން ހުރިކަމުގެ މައުލޫމާތު މިނިސްޓަރު ދެއްވިއެވެ. އަދި އިއްޔެ ހަވީރު 17:00 އިން ފެށިގެން ހައްޖު ކޯޕަރޭޝަނާ ގުޅިގެން ކުރި މަސައްކަތުން، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހުރިހާ އިންތިޒާމެއް ހަމަޖެހިގެން ދިޔަކަން އޭނާ ފާހަގަކުރިއެވެ.
"ވަގުތު ކުޑަތަން ވެފައިވަނިކޮށް ހައްޖު ކޯޕަރޭޝަންއިން ކޮށްދެއްވި އަގުނުކުރެވޭ މަސައްކަތް އަަޅުގަނޑުމެންގެ ހިތުގެ އަޑިން ވަރަށް އުފަލާއިއެކު ބަލައިގަނެ ޝުކުރު ދަންނަވަން،" މާޒިން ބުންޏެވެ.
ހައްޖު ކޯޕަރޭޝަނުން މައުލޫމާތު ދޭ ގޮތުގައި، އެ ކޯޕަރޭޝަންގެ ބެލުމުގެ ދަށުން ދަތުރުކުރި 28 އުމްރާވެރިން މިހާރު ވަނީ ސައުދީ އަރަބިއްޔާއަށް ގޮސްފައެވެ. އަދި މިހާރު އެ މީހުން ޖިއްދާއިން މައްކާއަށް ދިއުމަށް ދަތުރުކުރަމުންދާ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!