ރާއްޖޭގެ ހުރިހާ އަތޮޅަކުން އެސްޓީއޯގެ ރޭޓުގައި ތެޔޮ ލިބޭ ގޮތް ހެދުމުގެ މަޝްރޫޢުގެ ދަށުން އެސްޓީއޯގެ ދަށުން ހިންގާ ތެޔޮ ކުންފުނި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ހއ. އިހަވަންދޫގައި ގާއިމުކުރި ފިއުލް ޝެޑުން މިއަދު ތެޔޮވިއްކަންފަށައިފިއެވެ.
މިއަދު އިހަވަންދޫ އެފްއެމް ފިއުލް ޝެޑުން އެސްޓީއޯ ރޭޓްގައި ތެޔޮ ވިއްކަން ފަށާފައިވާއިރު، މި މަޝްރޫޢުގެ ދަށުން އިހަވަންދޫ ހިމެނޭހެން ބޮޑުތިލަދުންމަތީގެ ތިން ރަށެއްގައި ޝެޑްތައް ތަރައްގީ ކުރާނެއެވެ. އެއީ ހދ. އަތޮޅުން ހަނިމާދޫ އަދި ށ. އަތޮޅު މިލަންދޫ އެވެ.
މީގެ ތެރެެއިން ހަނިމާދޫގައި ގާއިމުކުރާ ފިއުލް ޝެޑްގެ މަސައްކަތް ވެސް މިހާރު ވަނީ ނިމުމަކާއި ހަމައަށް ގޮސްފައެވެ.
އިހަވަންދޫގައި ގާއިމުކުރި ފިއުލް ޝެޑުން ޚިދުމަތް ދެނީ، ފޮޓޯ: މަސްވެރި އިހަވަންދޫ ފޭސްބުކް ޕޭޖު
މީގެ ފުރަތަމަ ޝެޑް ހުޅުވާފައި ވަނީ ރ. ދުވާފަރުގައެވެ. އެރަށުގެ ޝެޑުން 13 ޑިސެމްބަރު 2025 އިން ވަނީ ތެޔޮ ވިއްކަން ފަށާފައެވެ.
ދިވެހިރާއްޖޭގެ ކޮންމެ އަތޮޅެއްގައި ތެޔޮ ރައްކާކުރެވޭނޭ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢު ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙްކޮށްދެއްވީ 7 ނޮވެމްބަރު 2024 ގައެވެ.
މި މަޝްރޫޢުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފިއުލް ސެޓަޕް ޤާއިމުކޮށް، މަސްވެރިންނާއި ޢާންމު ރައްޔިތުންނަށް ތެޔޮ ލިބޭނޭ ނިޒާމު ޤާއިމުކުރުމެވެ.
އެސްޓީއޯގެ ރޭޓުގައި ތެޔޮ ލިބޭ ގޮތް ހެދުމުގެ ހަނިމާދޫގައި ގާއިމުކުރާ ޝެޑް، ފޮޓޯ: އަހްމަދު ސަމީމް
މި މަސްރޫޢުގެ އަމާޒަށް ވާސިލްވުމަށް ދެ ފިޔަވައްސަކަށް ބަހާލައިގެން ތެޔޮ ވިއްކާ ސެޓަޕްތައް ޤާއިމުކުރަން ނިންމާފައިވާއިރު، ފުރަތަމަ ފިޔަވަހީގައި ސެޓަޕް ގާއިމުކުރާ ރަށްތަކުގެ ތެރޭގައި ބޮޑުތިލަދުންމަތީގެ ހއ. އިހަވަންދޫ އާއި ހދ. ހަނިމާދޫ ވަނީ ހިމަނާފައެވެ. އަދި ދެވަނަ ފިޔަވަހީގެ ދަށުން ސެޓަޕް ގާއިމުކުރާ ރަށްތަކުގެ ތެރޭގައި ށ. އަތޮޅު މިލަންދޫ ހިމެނެއެވެ. މީގެ އިތުރުން ދެވަނަ ފިޔަވަހީގެ ދަށުން އުތުރުން މިހާރު ޚިދުމަތް ފަށާފައިވާ ރ. ދުވާފަރުގެ އިތުރުން، ނ. މަނަދޫ އަދި ބ. ތުޅާދޫ ހިމެނެއެވެ.
މިހާރު ވެސް ޅ. ފެލިވަރާއި ގއ. ކޫއްޑޫގައި ހުންނަ އެފް.އެސް.އެމް ޝެޑުން ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދެމުން އަންނައިރު، މިދިޔަ އަހަރުގެ ޖަނަވަރީ މަހު ވަނީ، ހުޅުމާލޭގައި ސެޓަޕް ޤާއިމުކޮށް ޚިދުމަތް ދޭން ފަށާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!