ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫ.އޭ.އީ) އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ޝައިޚް ރަޙްމާ ބިން ޢަބްދުއްރަޙްމާން އަލްޝާމްސީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް ވަދާޢީ އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވާކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނިގޮތުގައި މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، ސަފީރު ރަޙްމާ ބިން ޢަބްދުއްރަޙްމާން އަލްޝާމްސީގެ ދައުރުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިކުރުމަށް ކުރެއްވި މުހިންމު މަސައްކަތްޕުޅުތަކާއި ދެއްވި އެއްބާރުލުމަށްޓަކައި އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރަށްވާފައެވެ. އަދި ދެ ޤައުމުގެ ދޭދޭ ގުޅުން ހަރުދަނާކުރުމުގައި މިވޭތުވެދިޔަ ތަނުގައި ހޯދިފައިވާ ބޮޑެތި ކުރިއެރުންތައް އެމަނިކުފާނު ޚާއްޞަ ގޮތެއްގައި ފާހަގަކުރެއްވިކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި ބައްދަލުވުމުގައި ޔޫ.އޭ.އީ ސަރުކާރާއެކު އޮތް ގާތް ގުޅުން ދެމެހެއްޓުމަށް ދިވެހި ސަރުކާރުން އަބަދުވެސް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވާފައިވާއިރު، ކުރިއަށް އޮތް މަސްތަކުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިކަމަށް ރައީސް އޮފީހުން ވަނީ މައުލޫމާތު ދީފައެވެ.
ރައީސް އޮފީހުން އިތުރަށް ބުނިގޮތުގައި ސަފީރު ޝައިޚް ރަޙްމާ ބިން ޢަބްދުއްރަޙްމާން އަލްޝާމްސީގެ ވާހަކަފުޅުގައި، މި ސަރުކާރު ހަވާލުވި ފަހުން ރާއްޖެއަށް ލިބެމުންދާ ފާހަގަކޮށްލެވޭ ކުރިއެރުންތަކާއި ތަރައްޤީއަށް ވަނީ ތަޢުރީފު ކުރަށްވާފައެވެ. އަދި ރާއްޖެއިން ޔޫ.އޭ.އީ އަށް ބަހައްޓަވާ ގާތްކަމަށްޓަކައި ޝުކުރު އަދާކުރައްވައި، ރާއްޖޭގެ ތަރައްޤީގެ ދަތުރުގައި ޔޫ.އޭ.އީގެ އެއްބާރުލުން އަބަދުވެސް ލިބޭނެކަމަށް ސަފީރު ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!