ޓެކްސީ ޑްރައިވަރެއް ކަމަށްވާ ގާސިމް ހަސަން މަރާލި މައްސަލާގައި މަރަން ހުކުމް ކޮށްފައިވާ އަދުހަމް މުހައްމަދުގެ ފަރާތުން އެއްވެސް މީހަކު ގާސިމްގެ އާއިލާއަށް ނުގުޅަން ހައި ކޯޓުން މިއަދު އަންގައިފި އެވެ.
ހުޅުމާލޭގައި، 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ގާސިމް ހަސަންގެ ކަރަށް ވަޅިން ހަމަލާދީ މަރާލީ އޭނާ ޓެކްސީގައި ދަތުރު ކުރަމުން ދަނިކޮށެވެ. އެ މައްސަލާގައި އަދުހަމް މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ ގާސިމްގެ ހުރިހާ ވާރިސުންގެ ވެސް އޭނާގެ ކިބައިން މަރަށް މަރު ހިފަން އެދުމުންނެވެ.
އަދުހަމް މަރަން ކުރި ހުކުމުގެ ސައްހަކަން ކަށަވަރުކުރަން ދައުލަތުން ހައި ކޯޓަށް ހުށަހެޅި މައްސަލާގެ މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލުން ބުނީ ގާސިމްގެ އާއިލާއަށް ގުޅަން އަދުހަމްގެ ފަރާތުން މަސައްކަތްކުރާ ކަމަށެވެ. އަދި އެކަން ނުކުރަން އާއިލާއިން އެދޭ ކަމަށް ވަކީލުން ބުންޏެވެ.
އެހެންވުމުން ފަނޑިޔާރުންގެ ބެންޗުން ވަނީ ގާސިމްގެ އާއިލާގެ އެއްވެސް މީހަކާ މުއާމަލާތް ނުކުރަން އަދުހަމްގެ ވަކީލުންނަށް އަންގައިފަ އެވެ.
އެ މައްސަލާގައި ދެން އޮންނާނީ އަދުހަމްގެ ފަރާތުން ހައި ކޯޓުގައި ޖަވާބުދާރީވުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!