މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތަށްޓަކައި އެހެން ސަރަހައްދުތަކަށް ބަދަލުކުރި އުޅަނދުތައް، އަލުން މާލޭ ނޯތު ހާބަރުގެ 'އޭ ޒޯން' އަށް ބަދަލުކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ރޭ ބުނެފިއެވެ.

ބޮޑުތަކުރުފާނު މަގު ފުޅާކޮށް ތާރުއަޅައިގެން ތަރައްޤީކުރުމުގެ މަސައްކަތަށް ނޯތު ހާބަރު ބަންދުކުރީ މީގެ ދެ މަސް ކުރިންނެވެ.

Ad
rt

އެމްޕީއެލުން ބުނީ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ކުރުމަށްޓަކައި އެމް.އެމް.އޭ ސަރަހައްދާއި ހުޅުމާލެ ޕެޓްރޯލް ޖެޓީއަށް ވަގުތީ ގޮތުން ބަދަލުކުރި މުދަލާއި ޕަސެންޖަރުން އުފުލާ އުޅަނދުތައް، މިހާރު ވަނީ އަލުން މާލޭ ނޯތު ހާބަރުގެ 'އޭ ޒޯން' (ބޮޑުތަކުރުފާނު މަގާވީ ފަރާތު ތޮށިގަނޑު) އަށް ބަނދަރުކުރަން ފަށައިފައެވެ. މި ސަރަހައްދު އުޅަނދުތަކަށް އަލުން ހުޅުވާލާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ނޯތު ހާބަރުގެ ޚިދުމަތް އަލުން ފެށިއިރު ގެނެވުނު އެންމެ ފާހަގަކޮށްލެވޭ ބަދަލަކީ، ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައި ހުރި ފައްތިޔާތަކުގެ ބަދަލުގައި 36 ފައްތިއްޔާ ބުޑު ފައްތައި، މުޅިން އައު ފައްތިއްޔާތައް ބޭނުންކުރަން ފެށުމެވެ. މި ބަދަލާއެކު، އެ ބަނދަރު ބޭނުންކުރާ އުޅަނދުފަހަރަށް ކުރިއަށްވުރެ ރައްކާތެރިކަމާއެކު ބަނދަރުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެމްޕީއެލުން ބުނެއެވެ. މީގެ އިތުރުން، މީގެ ކުރިން 'އޭ ޒޯން' އިން ލިބެން ނެތް ކަރަންޓާއި ފެނުގެ ޚިދުމަތް އެ ސަރަހައްދުން ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރަމުންނެވެ.

ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫއުގެ ދެ ވަނަ ސެގްމެންޓުގެ މަސައްކަތް ކުރުމަށް، ނޯތު ހާބަރުގެ އިރުމަތީ ފަރާތުން ކަނޑު އުޅަނދުތައް ނަގަން އެންގީ މިދިޔަ އަހަރުގެ ޑިސެމްބަރު 14 ގައެވެ. ވަޅޯމަސް މާރުކޭޓާ ހިސާބުން ފެށިގެން ނޯތު ހާބަރާ ހަމައަށް މަގު ފުޅާކުރުމަށް ފަޅުން ބައެއް ހިއްކުމާއި، މަގުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ނިންމައި، އެ ސަރަހައްދު ދެކޮޅަށް ދުއްވޭ މަގެއްގެ ގޮތުގައި ހުޅުވާލީ 16 ފެބްރުއަރީ 2026 ގައެވެ.

އެމްޕީއެލުން އިތުރަށް ބުނީ، ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ނޯތު ހާބަރުގެ 'ބީ ޒޯން' (ހުޅަނގު ފަރާތު ތޮށިގަނޑު) އަށް އުޅަނދުތައް ބަދަލުކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ދެން އެންމެ އަވަހަށް ފެށުމަށް ހަމަޖެހިފައިވަނީ ރަސްމީ ޖެޓީން ފެށިގެން ހެންވޭރުން އެމްޓީސީސީގެ ފެރީ ޓާމިނަލާ ހަމައަށް މަގު ހެދުމުގެ މަސައްކަތެވެ. މި މަސައްކަތް ރޯދަ މަހުގެ ތެރޭގައި ފަށައި، އަންނަ އޭޕްރީލް ނުވަތަ މެއި މަހަށް ނިންމާލެވޭނެ ކަމަށް ލަފާކުރެވޭކަމަށް މަޝްރޫޢުގެ ކޮންޓެކްޓަރ، އެމްޓީސީސީން ވަނީ ބުނެފައެވެ.