މާލޭ ބޮޑުތަކުރުފާނުމަގުގެ ބާޒާރުމަތީ ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ނިންމައި، މިއަދު އާންމު ދަތުރުފަތުރަށް ހުޅުވާލައިފިއެވެ.

މި މަޝްރޫޢުގެ ދަށުން ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަޙައްދެއްގައި ވަނީ ތާރުއަޅާފައެވެ. މީގެ އިތުރުން، މަގު ފުޅާކުރުމަށްޓަކައި ފަޅުން ބައެއް ހިއްކައިގެން މަގަށް 6 މީޓަރު އިތުރުކޮށް، އެ ސަރަހައްދުގެ ދަތުރުފަތުރަށް ބޮޑު ބަދަލެއް ވަނީ ގެނެސްފައެވެ.

Ad
rt

މަގު ހުޅުވުމުގެ ރަސްމިއްޔާތުގެ ކުރިން މިއަދު ހެނދުނު ވަނީ މަގު ފެހިކުރުމުގެ ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގައި ދައުލަތުގެ 12 ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެން މަގުގެ ދެ ފަރާތުގައި ގަސް އިންދަވާފައިވެއެވެ.

ބާޒާރުމަތީ މަގު ތަރައްޤީކުރުމުގެ މި އަމަލީ މަސައްކަތަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިދިޔަ ޑިސެންބަރު މަހުގެ 9 ވަނަ ދުވަހު ފެށި މަސައްކަތެކެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވި ގޮތުގައި، މި މަޝްރޫޢު ނިމުމާއެކު ބާޒާރުމަތީގެ ޓްރެފިކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. ކުރިން އެއްކޮޅަށް ދުއްވާ ގޮތަށް އޮތް މި މަގު މިހާރު ވަނީ ދެކޮޅަށް ދުއްވޭ ގޮތަށް ހަމަޖައްސާފައެވެ. މީގެ ސަބަބުން ބާޒާރުމަތީގައި އަބަދުވެސް ކުރިމަތިވާ މަގު ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ލިބި، މުދާ އުފުލާ ފަރާތްތަކަށާއި އާންމު ދަތުރުފަތުރު ކުރާ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މި މަސައްކަތަކީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ތަރުތީބުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކުގެ ތެރެއިން ބައެކެވެ. މަގުގެ ދެވަނަ ފިޔަވަހި ހުޅުވާލުމާއެކު، މިހާރު އެ ސަރަހައްދުގައި ދެކޮޅަށް ދުއްވުމުގެ ހުއްދަ ވަނީ ދީފައެވެ.