ރާއްޖޭގެ ސަރަހައްދުގައި ނުރައްކާ މިންވަރަކަށް ދުންފުހުގެ އަސަރު ހުރި ކަމަށާއި، ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ހިސާބުތަކަށް މިކަމުގެ އަސަރު ބޮޑަށް ކުރާނެތީ ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން އިލްތިމާސް ކޮށްފިއެވެ.
މެޓް އޮފީހުން މިއަދު ހާމަކުރި ގޮތުގައި، ދުންފުހުގެ އަސަރު މުޅި ރާއްޖެއަށް ކުރަމުންދާއިރު، ބައެއް ސަރަހައްދުތަކުގައި ދުރު ފެންނަ މިންވަރު ވަނީ ތިން ކިލޯމީޓަރަށް ވުރެ ދަށަށް ގޮސްފައެވެ. ކުރިއަށް އޮތް ފަސް ދުވަހު ވެސް އިރުއުތުރުން އަންނަ ވަޔާއެކު މި ހާލަތު ދެމިއޮންނާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
ވައި ނުސާފުވުމުގެ ސަބަބުން ސިއްހަތަށް ދިގުމުއްދަތަށް ކުރާނެ ނޭދެވޭ އަސަރުތަކުގެ ތެރޭގައި ނޭވާހިއްލުމާއި، ސިކުނޑި އާއި ނާރުގެ ބަލިތަކާއި، ހިތުގެ ބަލިތަކުގެ އިތުރުން ކެންސަރުގެ ބައެއް ބާވަތްތައް ހިމެނެއެވެ. މިކަމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ.
އެޗްޕީއޭއިން އިރުޝާދު ދީފައިވާ ކަންކަމުގެ ތެރޭގައި، ނޭވާލާ ނިޒާމުގެ މައްސަލަ ހުންނަ މީހުން ބޭރުގައި ކުޅިވަރު ކުޅުން މަޑުޖައްސާލުމާއި، ބޭރަށް ނުކުންނައިރު މާސްކު އެޅުމާއި، ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުން ހިމެނެއެވެ. އަދި އެއާ ޕިއުރިފައިއާ ބޭނުންކުރުމަކީ ވެސް އެދެވިގެންވާ ކަމެއް ކަމަށް ބުނެފައިވެއެވެ.
ވައިގެ ނުސާފުކަން ހުރި މިންވަރަށް ބަލާއިރު، އެއާ ކޮލިޓީ އިންޑެކްސް 151 އާއި 200 އާ ދެމެދުގައި ހުންނަ ނަމަ ނެރެނީ ރެޑް އެލާޓެވެ. މިއީ އެންމެންގެ ސިއްހަތަށް ވެސް ނުރައްކާވާ މިންވަރެއް ކަމަށް މެޓް އޮފީހުން ފާހަގަކުރެއެވެ. މި ހާލަތުގައި ފުއްޕާމެއާއި ހިތުގެ ބަލިތައް ހުންނަ މީހުންނަށް ކުރާ އަސަރު ބޮޑުވާނެތީ ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އެދިފައެވެ.
ކަނޑު ދަތުރުކުރާ ފަރާތްތަކުންނާއި ބޭރުގައި ގިނަ ވަގުތު ހޭދަކުރާ މީހުން އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމަށް ކަމާބެހޭ އިދާރާތަކުން ވަނީ ބާރުއަޅާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!