ހއ. ކެލާގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ހޮނިހިރު ދުވަހު ރަސްމީކޮށް ފަށައިފިއެވެ.

މި މަޝްރޫޢުގެ މަސައްކަތް ފައްޓަވައިދެއްވީ ކެލާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ޢަބްދުﷲ ޝަރީފެވެ.

Ad
rt

މި ރަސްމިއްޔާތުގައި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޡީމް އާއި ކެލާ ކައުންސިލްގެ ރައީސް ޢަބްދުﷲ އިންފާޒްގެ އިތުރުން ކަމާބެހޭ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

ކެލާ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން އެ ރަށުގެ މައި ހުރިހާ މަގުތަކެއް ހިމެނޭހެން ޖުމްލަ 3.9 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމަށް ވަނީ ހަމަޖެހިފައެވެ.

ތާރު އެޅުމުގެ އިތުރުން މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ފެން ހިންދާ ނިޒާމު ޤާއިމުކުރުމާއި، ރޭގަނޑު މަގުތައް އަލިކުރުމަށް މަގުބައްތި ޖެހުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރެއިން ކުރިއަށްދާނެއެވެ.

ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ކެލާ މަގު ހެދުމުގެ މި މަޝްރޫޢަށް 99 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެއެވެ.

ކެލާގެ އިތުރުން، ކެލާ ދާއިރާގައި ހިމެނޭ ހއ. ފިއްލަދޫގެ މަގު ހެދުމުގެ އަމަލީ މަސައްކަތްވެސް މިދިޔަ ހުކުރު ދުވަހު ވަނީ ފަށާފައެވެ. މި މަސައްކަތް ކުރުމަށް މިދިޔަ އަހަރުގެ އޯގަސްޓް 10 ވަނަ ދުވަހު އާރްޑީސީއާ ޙަވާލުކޮށްފައިވަނީ ދެ އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. އަދި މި މަޝްރޫޢަށް 77.1 މިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށް ސަރުކާރުން ވަނީ ކުރިން ބުނެފައެވެ.