ކުޅިވަރުގެ ދާއިރާއިން ކުއްޖަކު ކާމިޔާބީ ހޯދަނީ އެ ކުއްޖަކު ކުރާ ބުރަ މަސައްކަތުން ކަމަށާއި، އެކަމުގެ ތެރެއަށް ސިޔާސީ ކަންކަން ވެއްދުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އާއިލީ ބޭފުޅެއް ކަމަށްވާ މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.
ސްޕޯޓްސް މިނިސްޓްރީން ބާއްވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ "އަހަރުގެ ޒުވާން ކުޅުންތެރިޔާ" (ފިރިހެން) ކެޓަގަރީއަށް ރައީސްގެ ދޮށީ ފިރިހެން ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒު ނޮމިނޭޓްވުމާ ގުޅިގެން ބައެއް ފަރާތްތަކުން ފަތުރާ ވާހަކަތަކަށް ރައްދު ދެއްވަމުން، ހިލާލީގޭގެ ޗީފްގެ މަގާމުގައި ހުންނެވި ވަހީދު ވިދާޅުވީ، ކުޅިވަރުގައި ކުދިން ހޯދާ ކާމިޔާބީއަކީ އެކުދިން ކުރާ ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.
ވަހީދު ފާހަގަކުރެއްވި ގޮތުގައި އުމައިރު ސްޕޯޓްސް އެވޯޑަށް ނޮމިނޭޓްވީ 2024 ވަނަ އަހަރު ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ. އަދި އެއީ ރައީސްގެ ދަރިކަލަކަށް ވީތީ ލިބުނު ފުރުސަތެއް ނޫން ކަމަށާއި، އުމައިރަކީ ކުރީގެ ސަރުކާރުގެ "އަރުތަ" ޕްރޮގްރާމުގައިވެސް ހިމެނި، ގައުމީ އަދި ބައިނަލްއަގުވާމީ މައިދާނުގައި ހުނަރު ސާބިތުކޮށްދީފައިވާ ކުޅުންތެރިއެއްކަން އޭނާ ހަނދާންކޮށްދެއްވިއެވެ.
މީގެ އިތުރުން ރައީސް އޮފީހުގެ ވަޒީރު އަދި ރައީސް މުޢިއްޒުގެ ޢާއިލީ ބޭފުޅެއްކަމަށްވާ ޢަލީ އާރިފް ވެސް ވަނީ އެވޯޑަށް ނޮމިނޭޓްވި އެހެން ކުދިންގެ ތެރޭގައިވެސް ސިޔާސީ ބޭފުޅުންގެ ކުދިން ތިބިކަން ފާހަގަކޮށް، ކުދިންގެ ހައްގުތަކަށް އަރައިނުގަތުމަށް އިލްތިމާސްކުރަށްވާފައެވެ. މީގެ އިތުރުން ރައީސްގެ ޢާއިލީ ބޭފުޅެއްކަމަށްވާ ވަޒީރު އިގްބާލް އާދަމް ވެސް ވަނީ މި މޭރުމުން އިލްތިމާސް ކުރަށްވާފައެވެ.
ވަހީދު ހިމެނޭހެން ޢާއިލީ ބައެއް ބޭފުޅުން ރައީސްގެ ޢާއިލާއާއި އެކު
މިކަމާ ގުޅިގެން ކުރީގެ ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހްލޫފް ވެސް ވަނީ އުމައިރު ނޮމިނޭޓްވީ ރައީސްގެ ދަރިކަލަކަށް ވީތީ ނޫން ކަމަށާއި، އެއީ އޭނާ ކުޑައިރުން ފެށިގެން ކުރަމުން އަންނަ ބުރަ މަސައްކަތުގެ ނަތީޖާ ކަމަށް ވިދާޅުވެފައެވެ.
އުމައިރުގެ ކާމިޔާބީތަކަށް ބަލާއިރު، 2024 ވަނަ އަހަރުގެ 62 ވަނަ ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ފުރަތަމަ ޑިވިޝަނުން އޭނާ ވަނީ 15 އަހަރުން ދަށުގެ ސިންގަލްސް އާއި 17 އަހަރުން ދަށުގެ ޑަބަލްސް އިން ރަން މެޑަލް ހޯދާފައެވެ. މީގެ އިތުރުން، 30 ވަނަ ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ވެސް އުމައިރު ވަނީ 15 އަހަރާއި 17 އަހަރުން ދަށުގެ އެކި ކެޓަގަރީތަކުން ފަސް ރަން މެޑަލް ހާސިލްކޮށްފައެވެ. އޭނާއަކީ އިންޓަރސްކޫލް ޓޭބަލް ޓެނިސް މުބާރާތްތަކުގައި ވެސް ފާހަގަކޮށްލެވޭ ވަނަތަކެއް ހޯދަމުން އަންނަ ހުނަރުވެރި ކުޅުންތެރިއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!