ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދަރިކަލަކަށް ވީތީ އެކުއްޖެއްގެ ޙައްގަކުން މަޙްރޫމްވެގެން ނުވާނެ ކަމަށާއި، ރައީސް މުޢިއްޒުގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒަކީ ކުޅިވަރުގެ ދާއިރާއިން މިއަދަކު އިއްޔެއަކު ފާހަގަވާން ފެށި ކުޅުންތެރިއެއް ނޫން ކަމަށް ބާރަށު ދާއިރާގެ މަޖިލިސް މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިހެން ވިދާޅުވީ ސްޕޯޓްސް މިނިސްޓްރީން ބާއްވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ "އަހަރުގެ ޒުވާން ކުޅުންތެރިޔާ" (ފިރިހެން) ކެޓަގަރީއަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދޮށީ ފިރިހެން ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒު ނޮމިނޭޓްވުމާ ގުޅިގެން ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ. ޝުޖާއު ވިދާޅުވީ އުމައިރަކީ އެމްޑީޕީގެ ވެރިކަމުގައި ވެސް ޓޭބަލް ޓެނިސް (ޓީޓީ) އިން ފާހަގަކޮށްލެވޭ މޮޅު ހުނަރުވެރި ކުޅުންތެރިއެއް ކަމަށެވެ.
ކުޅިވަރުގެ ކާމިޔާބީތައް ސިޔާސީ ކުރުން ބަލައިނުގަނެވޭ
ޝުޖާއު އިތުރަށް ވިދާޅުވީ ކޮންމެ ކަމެއް ސިޔާސީކޮށް ކުދިންގެ ކުރިމަގު ބަނަވާ ގޮތަށް ލިޔުންތައް ލިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
"އުމައިރު ހުނަރުވެރި އެތްލީޓަކަށްވީ މިއަދަކު ނޫން. މިކަން ސިޔާސީ ކުރުން ބަލައިނުގަނެވޭ. ޤައުމަށް ރީތި ނަންހޯދައިދޭ ކޮންމެ ކުއްޖަކަށް އަޅުގަނޑުމެން ވާނީ ހިތްވަރު ދޭން،" ޝުޖާއު ވިދާޅުވިއެވެ.
އޭނާ ވަނީ މި އެވޯޑަށް ނޮމިނޭޓްވި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފްގެ ދަރިކަލުން ޒީކް ހަސަން ލަތީފަށް ވެސް މަރުހަބާ ވިދާޅުވެފައެވެ.
މި މައުލޫއުގައި ކުރީގެ ކުޅިވަރު ވަޒީރު އަހްމަދު މަހްލޫފް ވެސް ވަނީ އުމައިރުގެ ދިފާއުގައި ވާހަކަދައްކަވާފައެވެ. މަހްލޫފް ވިދާޅުވީ އުމައިރަކީ ބައިނަލްއަގުވާމީ އަދި ގައުމީ ފެންވަރުގައި ރަން ވަނަތަކެއް ހޯދާފައިވާ ކުޅުންތެރިއެއް ކަމަށާއި، އޭނާ އެވޯޑަށް ނޮމިނޭޓްވީ ރައީސްގެ ދަރިކަލަކަށް ވީތީ ނޫން ކަމަށެވެ. އަދި އުމައިރަކީ އެމްޑީޕީގެ ވެރިކަމުގައި ހުނަރުވެރި އެތުލީޓުން ކުރިއަރުވަން ހިންގި "އަރުތަ" ޕްރޮގްރާމުގައި ވެސް ހިމެނުނު ކުޅުންތެރިއެއްކަން މަހްލޫފް ފާހަގަކުރެއްވިއެވެ.
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ އަހަރުގެ ޒުވާން ކުޅުންތެރިޔާގެ ކެޓަގަރީއަށް އުމައިރު ނޮމިނޭޓްކޮށްފައިވަނީ ޓޭބަލް ޓެނިސް އެސޯސިއޭޝަނުންނެވެ. މި ކެޓަގަރީގައި ޖުމްލަ ފަސް ކުޅުންތެރިން ނޮމިނޭޓްވެފައިވާއިރު، އޭގެ ތެރޭގައި އުމައިރުގެ އިތުރުން ޓީޓީ އެސޯސިއޭޝަނުން ނޮމިނޭޓްކުރި ޒީކް ހަސަން ލަތީފް ވެސް ހިމެނެއެވެ.
ކުޅިވަރުގެ ދާއިރާގެ ތަޖުރިބާކާރުންނާއި ސިޔާސީ ބޭފުޅުން ވިދާޅުވަނީ، ކުދިންގެ ބުރަ މަސައްކަތުން ހޯދާ ކާމިޔާބީތައް ސިޔާސީ އޮއިވަރުގައި ޖެއްސުމަކީ އެ ކުދިންގެ ހިތްވަރު އެލިގެންދާނެ ކަމެއް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!