އެމެރިކާގެ މަޝްހޫރު ޓައިމް މަޖައްލާއިން ހޮވި ސިއްހީ ދާއިރާގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހިމެނިވަޑައިގަތުމާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އެމަނިކުފާނަށް މަރުހަބާ ދަންނަވައިފިއެވެ.

ޑަބްލިއުއެޗްއޯ އިން ބުނީ މިއީ ބަލިތަކުން ރައްކާތެރިވުމުގެ ޚިދުމަތްތައް ފުޅާކުރެއްވުމަށާއި، އާންމު ސިއްޙަތުގެ ދާއިރާ އިޞްލާޙުކުރެއްވުމަށް އެމަނިކުފާނު ގެންގުޅުއްވާ ހިތްވަރުގަދަ އަދި ދުރުވިސްނޭ ލީޑަޝިޕް ބައިނަލްއަޤުވާމީ ފެންވަރުގައި ބަލައިގަނެވިފައިވާ ކަމުގެ ރަމްޒެއް ކަމަށެވެ.

Ad
rt

''ޓައިމް މަޖައްލާއިން ހޮވާ، 2026 ވަނަ އަހަރު ސިއްޙީ ދާއިރާގައި ދުނިޔޭގައި އެންމެ ނުފޫޒުގަދަ 100 ފަރާތުގެ ލިސްޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިމެނިވަޑައިގަތުމާ ގުޅިގެން އެމަނިކުފާނަށް ވަރަށް އިޚުލާޞްތެރިކަމާއެކު މަރުޙަބާ ދަންނަވަމެވެ. މިއީ ބަލިތަކުން ރައްކާތެރިވުމުގެ ޚިދުމަތްތައް ފުޅާކުރެއްވުމަށާއި، އާންމު ސިއްޙަތުގެ ދާއިރާ އިޞްލާޙުކުރެއްވުމަށް އެމަނިކުފާނު ގެންގުޅުއްވާ ހިތްވަރުގަދަ އަދި ދުރުވިސްނޭ ލީޑަޝިޕް ބައިނަލްއަޤުވާމީ ފެންވަރުގައި ބަލައިގަނެވިފައިވާ ކަމުގެ ރަމްޒެއް'' ޑަބްލިޔުއެޗްއޯއިން ބުނެފަވެއެވެ.

އެ ޖަމިއްޔާއިން އިތުރަށް ބުނީ އެންމެހައި ރައްޔިތުންނަށް ޝާމިލުވާނޭހެން ފުރިހަމަ ސިއްޙީ ޚިދުމަތް ކަށަވަރުކޮށްދިނުމަށާއި، ދެމެހެއްޓެނިވި ސިއްޙީ ރައްކާތެރިކަން ޤާއިމުކުރުމަށް ކުރެވޭ މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށް ގެންދިއުމަށްޓަކައި، ދިވެހި ސަރުކާރާއެކު އޮތް ބަދަހި ގުޅުން އިތުރަށް ހަރުދަނާކޮށް ކުރިއަށް ގެންދިއުމުގައި އެ ޖަމިއްޔާ ދެމި ތިބޭނެކަމަށެވެ.

ޓައިމް ނޫހުން ރައީސްގެ ނަންފުޅު މި ލިސްޓުގައި ހިމެނި މައިގަނޑު ސަބަބަކީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ރާއްޖެއިން ގެންގުޅޭ ހަރުދަނާ ސިޔާސަތުތަކެވެ. މިގޮތުން، 2007 ވަނަ އަހަރުގެ ފަހުން އުފަންވާ މީހުންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާކުރާ 'ޖެނަރޭޝަން ބޭން' ތައާރަފްކުރުމާއި، ވޭޕާއި އީ-ސިނގިރޭޓް ރާއްޖޭގައި މަނާކުރުމަށް ނިންމެވި ނިންމެވުން އެ ނޫހުން ވަނީ ހާއްސަ ގޮތެއްގައި ފާހަގަކޮށްފައެވެ.

ރައީސް މުއިއްޒުގެ ޒައާމަތުގައި ސިއްހީ ދާއިރާއިން ރާއްޖެއިން ހޯދާފައިވާ ބޮޑެތި ކާމިޔާބީތައް ވެސް ޓައިމް މަޖައްލާގެ ލިޔުމުގައި ވަނީ ބަޔާންކޮށްފައެވެ. އޭގެ ތެރޭގައި މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް-ބީ ވާރުތަވުން ހުއްޓުވި ފުރަތަމަ ގައުމަށް ރާއްޖެ ވުމާއި، ނަފުސާނީ ދުޅަހެޔޮކަމަށް ހާއްސަ ހެލްޕްލައިނެއް ގާއިމްކުރުމުގެ އިތުރުން، ދުންފަތް ހުއްޓާލަން ބޭނުންވާ މީހުންނަށް ހާއްސަ ކްލިނިކްތައް އުފެއްދުން ހިމެނެއެވެ.

ޓައިމް މަޖައްލާއިން ރައީސް މުއިއްޒުގެ ނަން މި ލިސްޓުގައި ހިމަނާފައިވަނީ 2023 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައްޔިތުންގެ އާންމު ސިއްހަތު ކުރިއެރުވުމަށް އެމަނިކުފާނު ކުރައްވަމުންދާ މުހިންމު މަސައްކަތްޕުޅުތަކަށް ރިއާޔަތްކޮށްފައެވެ. ވަކިން ހާއްސަކޮށް، ބަލިޖެހުމުން ފަރުވާ ދިނުމުގެ ބަދަލުގައި ބަލިތަކުން ރައްކާތެރިވުމަށް އިސްކަންދިނުމަކީ ރައީސްގެ ސަރުކާރުގެ މުހިންމު ސިޔާސަތެއްގެ ގޮތުގައި އެ މަގަޒިންއިން ވަނީ ސިފަކޮށްފައެވެ.