އީރާނާއެކު ވެވޭ އެއްބަސްވުމެއް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ފުރިހަމަވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުރާސްފަތި ދުވަހު ވިދާޅުވެއްޖެއެވެ.
ވައިޓް ހައުސްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޓްރަމްޕް ވިދާޅުވީ، އެއްބަސްވުމެއް އެކުލަވައިލުމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާ ތާވަލަކީ ކުރިއަށް އޮތް މަހެއްހާ ދުވަސް ކަމަށާއި، މިކަން އަވަހަށް ހިނގަންޖެހޭނެ ކަމަށެވެ.
އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، ތެހެރާނަށް ބޮޑެތި ނުރައްކާތަކަކާ ކުރިމަތިލާންޖެހިދާނެ ކަމުގެ އިންޒާރު ދެއްވަމުން ޓްރަމްޕް ވިދާޅުވީ، އެއްބަސްވުމަކަށް އަންނަންޖެހޭ ކަމަށާއި، ނޫނީ އެކަން ވެގެންދާނީ ބިރުވެރި ހިތްދަތި ކަމަކަށް ކަމަށެވެ.
"އަހަރެމެން އެއްބަސްވުމަކަށް އަންނަން އެބަޖެހޭ، އެހެންނޫންނަމަ އެއީ ވަރަށް ބިރުވެރި، ވަރަށް ހިތްދަތި ކަމަކަށް ވެގެންދާނެ. އަހަރެން އެފަދަ ކަމެއް ވާކަށް ބޭނުމެއް ނޫން، އެކަމަކު އެއްބަސްވުމެއް ހަދަން އެބަޖެހޭ،" ޓްރަމްޕް އިންޒާރުދެއްވާފަވެއެވެ.
މީގެ އިތުރުން މިދިޔަ ޖޫން މަހު އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އެމެރިކާއިން ދިން ހަމަލާތަކަށް އިޝާރާތް ކުރައްވައި ޓްރަމްޕް ވިދާޅުވީ އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އެއީ އީރާނަށް ލިބޭ "މިޑްނައިޓް ހެމަރ" އެއް ފަދަ ކަމަކަށް ވާނެ ކަމަށެވެ.
އިސްރާއީލުގެ ބޮޑުވަޒީރާއެކު ބޭއްވި ބައްދަލުވުން
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ އެކު ބޭއްވުނު ބައްދަލުވުން ވަރަށް ކާމިޔާބު ކަމަށާއި، ނަތަންޔާހޫއަށް ހާލަތު ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. ނަމަވެސް އެންމެ ފަހުގެ ނިންމުން ނިންމާނީ އެމަނިކުފާނު ކަމަށާއި، އެއްބަސްވުމަކީ އިންސާފުވެރި އަދި ރަނގަޅު އެއްބަސްވުމަކަށް ނުވާނަމަ، އީރާނަށް ކުރިމަތިވާނީ ވަރަށް ދަތި ދުވަސްތަކެއް ކަމަށް ވެސް ވިދާޅުވިއެވެ.
ޖޫން މަހުގެ ހަމަލާތަކަށްފަހު އެމެރިކާއާއި އީރާނުން ވަނީ އަށް މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު މިދިޔަ ހުކުރު ދުވަހު އޮމާންގައި މަޝްވަރާ ބައްދަލުވުންތަކެއް ބާއްވާފައެވެ. މި މަޝްވަރާތައް ކުރިއަށްދާއިރު، އެމެރިކާއިން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާ އެގައުމުގެ އަސްކަރީ ބާރުތައް ވަރުގަދަކޮށްފައެވެ. އެގޮތުން 'ޔޫއެސްއެސް އެބްރަހަމް ލިންކަން' މަތިންދާބޯޓު އުފުލާ މަނަވަރު މިހާރު ވަނީ އެ ސަރަހައްދަށް ފޮނުވާފައެވެ.
އީރާނުގެ ރައްދު
އީރާނުން ބުނަމުންދަނީ އެމެރިކާއާއި އިސްރާއީލުން އަސްކަރީ ގޮތުން ނުފޫޒު ފޯރުވުމަށާއި ވެރިކަން ބަދަލުކުރުމަށް ދޮގު ބަހަނާތަކެއް ދައްކަމުންދާ ކަމަށެވެ. އަދި އެގައުމަށް ދޭ ކޮންމެ އަސްކަރީ ހަމަލާއަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދެމުން، އީރާނުން ބުނެފައިވަނީ ނިއުކްލިއާ ޕްރޮގްރާމަށް ހުރަސްތަކެއް ކުރިމަތިކުރެވޭނީ ހުޅަނގުގެ ގައުމުތަކުން އެގައުމާ ދެކޮޅަށް އަޅާފައިވާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!