ޓެކްސީ ޑްރައިވަރުން ތަމްރީނުކުރުމާއި ތާޒާކުރުމުގެ ސިލްސިލާ ޕްރޮގްރާމުތަކުގެ ތެރެއިން، މި އަހަރުގެ ފުރަތަމަ ޕްރޮގްރާމް ކުޅުދުއްފުށި ސިޓީގައި ކާމިޔާބުކަމާއެކު ކުރިއަށްގެންގޮސްފިއެވެ.
މި މަހުގެ 7 ވަނަ ދުވަހު ބޭއްވި މި ޕްރޮގްރާމަކީ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ ޓެކްސީގެ ހިދުމަތަށް އަލަށް ނުކުންނަ މީހުންނާއި، މިހާރުވެސް އެ ދާއިރާގައި މަސައްކަތް ކުރަމުންދާ ޑްރައިވަރުން އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް އިތުރަށް އަހުލުވެރިކުރުވުމެވެ.
މީގެ އިތުރުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޑްރައިވަރުންގެ ހޭލުންތެރިކަން އިތުރުކުރުން މި ޕްރޮގްރާމުގައި ހިމެނެއެވެ.
ޕްރޮގްރާމުގެ ބައިވެރިންނަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މައުލޫމާތު ދީފައިވެއެވެ. އަދި މަގުމަތީގައި ދިމާވާ އެކްސިޑެންޓުތަކާއި އެކި ކަހަލަ މައްސަލަތައް ހައްލުކުރުމުގައި ޓެކްސީ ޑްރައިވަރުން އަދާކުރަންޖެހޭ ދައުރާއި، އެފަދަ ހާލަތްތަކުގައި އަމަލުތައް ބަހައްޓަންވީ ގޮތްތަކުގެ މައްޗަށް މި ތަމްރީނުގައި އަލިއަޅުވާލާފައިވެއެވެ.
ކުޅުދުއްފުށި ސިޓީގައި ކުރިއަށްދިޔަ މި ޕްރޮގްރާމުގައި ޖުމްލަ 30 ޑްރައިވަރުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި ޓެކްސީގެ ހިދުމަތަށް އަލަށް ނުކުންނަ 24 ޑްރައިވަރުންނާއި، މިހާރުވެސް ހިދުމަތް ދެމުންދާ 6 ޑްރައިވަރުން ހިމެނެއެވެ.
ޕްރޮގްރާމް ފުރިހަމަކުރި ހުރިހާ ބައިވެރިންނަށް ވަނީ އެކަމުގެ ސެޓްފިކެޓް ހަވާލުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!