ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި 29 ސްކޫލެއްގެ ޢުމްރާނީ ވަޞީލަތްތައް ތަރައްޤީކުރުމަށް ސަރުކާރުން ބޮޑު މަޝްރޫޢެއް އިފްތިތާޙުކޮށް، އެ މަސައްކަތްތައް ކުންފުނިތަކާ ޙަވާލުކޮށްފިއެވެ.
މި މަޝްރޫޢުގެ ދަށުން ބޮޑު ތިލަދުންމަތީގެ ހަތް ރަށެއްގެ ސްކޫލްތައް ހިމެނޭހެން، ޖުމްލަ 29 ސްކޫލެއްގެ ފެންވަރު މަތިކުރުމަށް ވަނީ ނިންމާފައެވެ.
ތަޢުލީމީ ވުޒާރާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މަސައްކަތްތައް ޙަވާލުކޮށްފައިވަނީ ސަރުކާރުގެ ތިން ކުންފުންޏަކާއެވެ. އެއީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އެވެ.
މި މަޝްރޫޢުގެ ދަށުން ސްކޫލްތަކުގެ ޖާގައިގެ ދަތިކަން ޙައްލުކުރުމަށްޓަކައި 115 ކްލާސްރޫމާއި، 19 މަލްޓިޕާރޕަސް ހޯލު ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ސްކޫލްތަކަށް ބޭނުންވާ އެކި ކަހަލަ ޢުމްރާނީ ވަޞީލަތްތަކުގެ ގޮތުގައި ހިމެނޭ 219 ފެސިލިޓީއެއް ޤާއިމުކުރުމުގެ މަސައްކަތްވެސް ކޮންޓްރެކްޓަރުންނާ ވަނީ ޙަވާލުކޮށްފައެވެ.
މަސައްކަތް ޙަވާލުކުރެވުނު ސްކޫލްތައް
އެފްޑީސީއާ ޙަވާލުކުރި ސްކޫލްތަކުގެ ތެރޭގައި ހއ. ފިއްލަދޫ، މުރައިދޫ، ތަކަންދޫ، ވަށަފަރުގެ އިތުރުން ކޮނޑޭ، ރަސްމާދޫ، ކިނޮޅަސް، މާމެންދޫ، މަޑުއްވަރީ، ވާދޫ، އަނގޮޅިތީމު، ރިނބުދޫ، ހުޅުދެލި، ދާންދޫ، ގެމަނަފުށީ، ނަޑެއްލާ، މަޑަވެލި، ދެއްވަދޫ އަދި ރަތަފަންދޫ ސްކޫލް ހިމެނެއެވެ.
އާރްޑީސީއާ ޙަވާލުކުރި ސްކޫލްތަކުގެ ތެރޭގައި ހއ. އުލިގަމު، އިހަވަންދޫ، ރ. ހުޅުދުއްފާރު، ރ. އަތޮޅު ތަޢުލީމީ މަރުކަޒު، ކ. ގާފަރު އަދި ގުރައިދޫ ސްކޫލް ހިމެނެއެވެ. ހަމައެއާއެކު، އެމްޓީސީސީއާ ޙަވާލުކުރި ސްކޫލްތަކުގެ ތެރޭގައި އުލިގަމު، އިހަވަންދޫ، ހުޅުދުއްފާރު، ރ. އަތޮޅު ތަޢުލީމީ މަރުކަޒު، ގާފަރު، ގުރައިދޫ، އިންނަމާދޫ، ފިޔޯރީ، ށ. ފޭދޫ އަދި ދަރަނބޫދޫ ސްކޫލް ހިމެނެއެވެ.
މި މަޝްރޫޢުތަކަކީ ދައުލަތުގެ ބަޖެޓުން 576 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުތަކެއް ކަމަށް ތަޢުލީމީ ވުޒާރާއިން މަޢުލޫމާތުދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!