ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހުގެ އިނާޔަތް، މި ހިނގާ ފެބުރުވަރީ މަހުގެ 12 ވަނަ ދުވަހުގެ ކުރިން ސަރުކާރުގެ ހުރިހާ މުވައްޒަފުންނަށް ދޫކޮށް ނިންމުމަށް މިނިސްޓްރީ އޮފް ފިނޭންސް އިން ދައުލަތުގެ އިދާރާތަކަށް އަންގައިފިއެވެ.

މި އަހަރުގެ ރޯދަމަސް މި ފެބްރުއަރީ މަހުގެ 18 ގައި ފަށާއިރު، ފިނޭންސް މިނިސްޓްރީން ނެރުނު ސާކިއުލާގައި ބަޔާންކޮށްފައިވަނީ އިނާޔަތުގެ ފައިސާ މި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ޕަބްލިކް އެކައުންޓިން ސިސްޓަމަށް އަޕްލޯޑުކޮށް ނިންމަން ޖެހޭނެ ކަމަށެވެ.

Ad
rt

ވަޒީފާއާ ބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން ކޮންމެ މުސްލިމް މުވައްޒަފަކަށް ރޯދަ އިނާޔަތުގެ ގޮތުގައި ދޭންޖެހެނީ 3،000 ރުފިޔާ އެވެ. އެއް ވަޒީފާއަށް ވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އިނާޔަތް ދޭނީ އެ މީހަކު އަސާސީ ވަޒީފާ އަދާކުރާ އޮފީހަކުން އެކަނި ކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.

މީގެ އިތުރުން، ރޯދަމަސް ފެށޭއިރު މުސާރަ ލިބޭ ގޮތަށް ނުވަތަ ނުލިބޭ ގޮތަށް ޗުއްޓީގައި ތިބޭ މުވައްޒަފުންނަށް މި އިނާޔަތް ނުލިބޭނެއެވެ. ނަމަވެސް، ޗުއްޓީގައި ހުރި މުވައްޒަފަކު ރޯދަމަހުގެ ތެރޭގައި ވަޒީފާއަށް ނުކުމެއްޖެ ނަމަ، އެ ދުވަހަކުން ފެށިގެން މަސް ނިމެންދެން ޖެހޭ މިންވަރު ބަލައި، އެ މުވައްޒަފަކަށް އިނާޔަތުގެ ފައިސާ ދޭންޖެހޭނެ ކަމަށް ފިނޭންސްގެ ސާކިއުލާގައި ބަޔާންކޮށްފައިވެއެވެ.

ދައުލަތުގެ އިދާރާތަކުން މި މުއްދަތަށް އިނާޔަތް ދީ ނިންމުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އަވަސްކުރުމަށް ފިނޭންސް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

ގާނޫނުގައި ބުނާ ރޯދަ އިނާޔަތުގެ އިތުރުން ސަރުކާރުން އަންނަނީ ކޮންމެ ގޭބިސީއަކަށް ރޯދަ ހަދިޔާގޮތުގައި މަސްދަޅު ކޭހެއްވެސް ދެމުންނެވެ. އަދި ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ވެސް ދެއެވެ.