ޑިޖިޓަލް މާހައުލު ބެލެހެއްޓުން ހަރުދަނާކުރުމަށް ކުރާ މަސައްކަތުގެ ދަށުން، 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ވަނުން މަނާކުރުމަށް ނިންމާފައިވާކަން ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް އަންގާރަ ދުވަހު އިއުލާން ކުރައްވައިފިއެވެ.
ދުބާއީގައި ބޭއްވި ވޯލްޑް ގަވަރމަންޓްސް ސަމިޓުގައި ވާހަކަދައްކަވަމުން ސަންޗޭޒް ވިދާޅުވީ، ސޯޝަލް ނެޓްވޯކްތައް މިވަނީ ގާނޫނުތަކަށް އިހުތިރާމް ނުކުރާ، އަދި ކުށްތަކަށް ފުރުސަތުދޭ 'ފެއިލްޑް ސްޓޭޓް' ތަކަކަށް ވެފައިވާ ކަމަށާއި، ކުޑަކުދިން މިފަދަ ނުރައްކާތަކުން ރައްކާތެރިކުރަން ޖެހޭ ކަމަށެވެ.
އުމުރު ކަށަވަރުކުރުމާއި އާ ގާނޫނީ އޮނިގަނޑު
އާ ގަވާއިދުތަކުގެ ދަށުން، ސޯޝަލް މީޑިއާ ބޭނުންކުރުމުގެ ކުރިން ކުދިންގެ އުމުރު ކަށަވަރުކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުން ޕްލެޓްފޯމްތަކަށް މަޖުބޫރުވާނެއެވެ. މީގެ އިތުރުން، ޣައިރު ގާނޫނީ ކޮންޓެންޓް ފެތުރުމުގެ ޖިނާއީ ޒިންމާ ޑިޖިޓަލް ޕްލެޓްފޯމްތަކުގެ އިސްވެރިން އުފުލަންޖެހޭ ގޮތަށް ފަރުމާކޮށްފައިވާ ބިލެއް އަންނަ ހަފުތާގައި ސަރުކާރުން ފާސްކުރާނެ ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. އަދި އެލްގޮރިދަމްތަކަށް ބަދަލު ގެނެސްގެން އޮޅުވާލުމަކީ ޖިނާއީ ކުށަކަށް ހެދުމަށްވެސް ވަނީ ނިންމާފައެވެ.
ދޮގު މައުލޫމާތާއި ޖިނާއީ އަމަލުތަކާ ދެކޮޅަށް ފިޔަވަޅު އެޅުން
ސަންޗޭޒް ވަނީ ޑިޖިޓަލް މާހައުލުގައި ހިނގާ ނުރައްކާތެރި ބައެއް އަމަލުތަކުގެ މިސާލުތައް ދައްކަވާފައެވެ. އޭގެ ތެރޭގައި އާޓިފިޝަލް އިންޓެލިޖެންސް ޓޫލް 'ގްރޮކް' ބޭނުންކޮށްގެން ކުޑަކުދިންގެ އޮރިޔާން ކާޑު އުފެއްދުމާއި، އެކްސްގެ ސީއީއޯ އީލޮން މަސްކް ސްޕެއިންގެ މައިގްރެންޓުންނާ ގުޅޭގޮތުން ފަތުރާފައިވާ ދޮގު މައުލޫމާތުތައް އޭނާ ފާހަގަކުރެއްވިއެވެ.
"ދޮގު މައުލޫމާތަކީ އަމިއްލައަށް އުފެދޭ އެއްޗެއް ނޫން،" ބޮޑުވަޒީރު ވިދާޅުވިއެވެ. އަދި ޣައިރު ގާނޫނީ ކޮންޓެންޓްތައް ތަހުގީގު ކުރުމަށް ޕްރޮސިކިއުޓަރުންނަށް އޭނާ ބާރުއެޅުއްވިއެވެ.
ބޮޑެތި ކުންފުނިތަކުގެ ނުފޫޒާއި ކުރިމަގު
ސޯޝަލް މީޑިއާ ކުންފުނިތަކަކީ ބޮޑެތި ގައުމުތަކަށްވުރެ ވެސް މުއްސަނދި ބައެއް ނަމަވެސް، އެމީހުންގެ ބާރާއި ނުފޫޒަށް ބިރުގަނެގެން ނުވާނެ ކަމަށް ސަންޗޭޒް ވިދާޅުވިއެވެ. ޔޫރަޕްގެ އިތުރު ހަ ގައުމަކުން ވެސް މިފަދަ ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ބޭނުންވާކަން ފާހަގަކުރައްވަމުން، އޭނާ ވިދާޅުވީ ސޯޝަލް މީޑިއާ މިހާރު ވަނީ ރައްޔިތުންގެ ދިރިއުޅުމުގެ މުހިންމު ބަޔަކަށް ވެފައި ކަމަށެވެ. އެހެންކަމުން، ބޭރުގެ އެއްވެސް ނުފޫޒަކަށް ދޫނުދީ ޑިޖިޓަލް މިނިވަންކަން ދިފާއުކޮށް، މިކަމުގެ ކޮންޓްރޯލް އަލުން ހޯދަންޖެހޭ ކަމަށް އޭނާ ވިދާޅުއެވެ.
ސްޕެއިނުން މި ނިންމުން ނިންމިއިރު، ފަރަންސޭސިވިލާތުގެ 15 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރާ ބިލެއް އެގައުމުގެ މަޖިލީހުން ވަނީ މިދިޔަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު ފާސްކޮށްފައެވެ. އަދި މެލޭޝިއާގައި އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް އަންނަ އަހަރުން ފެށިގެން ސޯޝަލް މީޑިއާ މަނާކުރާނެކަމަށް މިދިޔަ ނޮވެމްބަރުގައި އެ ގައުމުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!