ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއިގެ މަޤާމުގައި ހުންނެވި ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މިއަދު އެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، އެމަނިކުފާނުގެ އިސްތިއުފާގެ ސިޓީ މިއަދު ހެނދުނުގެ ވަގުތެއްގައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ފޮނުއްވާފައެވެ.

Ad
rt

މަޤާމުން އިސްތިއުފާ ދެއްވުމަށްފަހު ނެރުއްވި ބަޔާނެއްގައި ރައީސް ވަޙީދު ވިދާޅުވީ، އެމެރިކާގެ ބިލިއަނަރު ޖެފްރީ އެޕްސްޓީންއާއި ގުޅުވައި ކުރެވޭ ދޮގު ތުހުމަތުތަކުގެ ސަބަބުން ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި، އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރެއްވީ ޤައުމުގެ ހަމަޖެހުމާއި، ސިޔާސީ ގޮތުން އެންމެން ބައިވެރިވުމާއި، ޤާނޫނީ އިސްތިޤުލާލު ދެމެހެއްޓެވުމަށް ކަމަށެވެ. އަދި ރާއްޖެއާއި ބައިނަލްއަޤުވާމީ ދާއިރާގައި މަސައްކަތް ކުރެއްވިއިރު، މަސްއޫލިއްޔަތު އަދާކުރެއްވުމަށްޓަކައި އެކި ދާއިރާތަކުގެ ފާހަގަކޮށްލެވޭ ބޭފުޅުންނާ ބައްދަލުކުރައްވާފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެޕްސްޓީން ފައިލްތަކުން ފެންމަތިވި ރާއްޖޭގެ ކުރީގެ ރައީސަކާއި ގުޅޭ ވާހަކަތައް

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ދެކެވޭ ވާހަކަތަކަށް އިޝާރާތް ކުރައްވައި ރައީސް ވަޙީދު ވިދާޅުވީ، އެފަރާތާ އެއްވެސް ގޮތަކުން ގުޅުމެއް އޮތުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށެވެ.

"އެޕްސްޓީންއަކީ އެފަދަ ނުބައި ސިފަތަކެއް ހުރި މީހެއްކަން އެނގިވަޑައިގަތް ނަމަ، އެއްވެސް ސިފައެއްގައި ނުވަތަ އެއްވެސް ގޮތަކުން އޭނާއާ އެއްވެސް ގުޅުމެއް އެމަނިކުފާނު ނުބޭއްވެވީހެވެ،" ބަޔާނުގައިވެއެވެ.

މަޤާމުގައި ހުންނެވި ދުވަސްވަރު ނުވަތަ ރައީސްކަމުގެ ދައުރަށްފަހުވެސް، އެއްވެސް ގޯސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށް ވިދާޅުވެ، އެމަނިކުފާނު ވަނީ އެފަދަ ތުހުމަތުތައް ދޮގުކުރައްވާފައެވެ. ނަމަވެސް، އެޕްސްޓީންއާ އެކު ބޭއްވޭ އެންމެ އާދައިގެ ގުޅުމަކީވެސް މިހާރު މުޖުތަމައު ބަލައިގަންނަ ކަމަކަށް ނުވާތީއާއި، މިހާރުގެ މަސްއޫލިއްޔަތުތައް އެންމެ އެދެވޭ ގޮތެއްގައި ކުރިއަށް ނުގެންދެވޭނެތީ، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބުގެ މަޤާމުން އިސްތިއުފާ ދެއްވަން ނިންމެވީ ކަމަށް ރައީސް ވަޙީދު ވިދާޅުވިއެވެ.