ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޖަރުމަނުވިލާތަށް ރަސްމީ ދަތުރުފުޅެއް ކުރަށްވަން ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުން ބުނިގޮތުގައި މިއީ އެ ގައުމުގެ ރައީސް ފްރޭންކް-ވޯލްޓަރ ސްޓައިންމަޔަރގެ ދަޢުވަތަކަށް، ރައީސް ކުރަށްވާ ދަތުރުފުޅެއް ކަމަށެވެ.
މި ފެބްރުއަރީ މަހުގެ 9 އިން 13 އަށް ކުރެއްވުމަށް ނިންމަވާފައިވާ މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރައްވާ މުހިންމު ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގެ ތެރެއިން ރައީސް މުޢިއްޒު، ޖަރުމަނުގެ ރައީސް ސްޓައިންމަޔަރގެ އިތުރުން އެ ޤައުމުގެ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި މަތީ ފަންތީގެ މަޝްވަރާތައް ކުރިއަށްގެންދަވާނެއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ކަންކަމާއި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކުގެ މައްޗަށެވެ.
ތަޤުރީރުތަކާއި އިލްމީ ބައްދަލުވުންތައް
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ބަރލިންގައި ހުންނަ ހަމްބޮލްޓް ޔުނިވަރސިޓީއަށް ޒިޔާރަތްކުރައްވައި "މޫސުމީ ބަދަލަށް ހޭނުމުގައި ދިވެހިރާއްޖޭގެ ތަޖުރިބާ" މި މައުޟޫޢަށް ތަޤުރީރު ކުރައްވާނެއެވެ. މީގެ އިތުރުން ޖަރމަން ކައުންސިލް ފޮރ ފޮރިން ރިލޭޝަންސަށް ވެސް ޒިޔާރަތް ކުރައްވައި، ޚާއްޞަ ތަޤުރީރެއް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ވިޔަފާރިއާއި އިންވެސްޓްމަންޓް ފުރުސަތުތައް
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ސަރުކާރުގެ އިސްވެރިންގެ އިތުރުން ރާއްޖޭގެ ބައެއް ވިޔަފާރިވެރިން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެއެވެ. ދަތުރުފުޅުގެ ތެރެއިން ޖަރުމަނުވިލާތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބިޒްނަސް ފޯރަމެއްގައި، ރާއްޖޭގައި ހުރި ވިޔަފާރިއާއި އިންވެސްޓްމަންޓް ފުރުސަތުތަކާ ގުޅޭ ތަފްސީލީ މަޢުލޫމާތު ދެ ޤައުމުގެ ވިޔަފާރިވެރިންނާ ހިއްސާކުރެވޭނެއެވެ.
ރައީސް ޑރ. މުޢިއްޒު ޖަރުމަނަށް ކުރައްވާ މި ދަތުރުފުޅު ދިމާވަނީ ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާވެސް މެއެވެ. ދެ ޤައުމުގެ ދެމެދުގައި ރަސްމީކޮށް ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 5 ޖުލައި 1966 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!