ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސިނާއީ ރަށް، ކ. ތިލަފުށީގައި ސެލްފް-ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް ގާއިމުކޮށް، މުޅި ރާއްޖޭގައި ގާއިމުކޮށްފައިވާ އޭޓީއެމް ވިއުގަ އިތުރަށް ފުޅާކޮށްފިއެވެ.

ސިނާއީ މަސައްކަތްތައް ކުރާ ތިލަފުށީގައި ބެހެއްޓި މި އޭޓީއެމް ހުޅުވުމަށް އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފްގެ އިތުރުން ބޭންކުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

Ad
rt

މިކަމަށް ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަރީފު ދެއްކެވި ވާހަކާގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭންކުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރަމުންދާއިރު ބީއެމްއެލްގެ އޭޓީއެމް ވިއުގަ އިތުރަށް ފުޅާކުރުމަކީ ވަރަށް ބޮޑު އަމާޒެއްކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ތިލަފުށީގައި ގާއިމުކުރެވުނު ސެލްލް ސަރވިސް އޭޓީއެމްއިން ދައްކުވައިދެނީ ވިޔަފާރި މުޖުތަމައުތަކަށް ބޭންކިންގ ޚިދުމަތްތައް އިތުރަށް ފަސޭހަކޮށްދިނުމަށް އެ ބޭންކުންދޭ އަހުމިއްޔަތުކަންކަމަށް ވަނީ ވިދާޅުވެފައެވެ.

''2026 ވަނަ އަހަރު ޚިދުމަތް ފުޅާކުރުމަށް ރާވާފައިވާ ކަންކަމައިގެން އަޅުގަނޑުމެން ކުރިއަށް ދާއިރ،ު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތިބި ކަސްޓަމަރުންނަށްވެސް ފަސޭހަ އަދި އަގުހުރި ޚިދުމަތެއް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން މުހިންމު އިސްކަމެއް ދޭ ކަމެއް'' ޝަރީފް ވިދާޅުވެފަވެއެވެ.

ތިލަފުށީގައި އޭޓީއެމެއްގެ ޚިދުމަތް ފެށިއިރު، ބީއެމްއެލްގެ ބޭންކިން ވިއުގަ މިހާރު ވަނީ ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން ވަރަށް ބޮޑަށް ފުޅާކޮށްފައެވެ. އެގޮތުން 20 އަތޮޅުގައި 42 ބްރާންޗާއި، 267 އޭޓީއެމްގެ އިތުރުން، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސެލްފް-ސާވިސް ބޭންކިން ސެންޓަރުތައް ވަނީ ގާއިމުކޮށްފައެވެ. މީގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގެ ހިދުމަތްވެސް ބޭންކުން ދަނީ ފޯރުކޮށްދެމުންނެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި، މި އަހަރުގެ ތެރޭގައި އިތުރު ސެލްފް-ސާވިސް ބޭންކިން ސެންޓަރުތަކާއި ބްރާންޗުތައް އަދި އޭޓީއެމްތައް ގާއިމުކޮށް، އެ ބޭންކުގެ ހިދުމަތް އިތުރަށް ފުޅާކުރުމަށް ވަނީ ރޭވިފައެވެ. މީގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 70 އަށް ވުރެ ގިނަ ޑޮލަރު އޭޓީއެމް ބެހެއްޓުން ހިމެނޭކަން އެ ބޭންކުން ފާހަގަކުރެއެވެ.

ތިލަފުށީގައި ސެލްފް-ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް ފެށިގެން ދިޔުމަކީ އެ ރަށުގައި މަސައްކަތްކުރާ ފަރާތްތަކަށާއި ވިޔަފާރިތަކަށް ބޭންކިންގެ ހިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.