މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތި ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހދ. ކުޅުދުއްފުށި ސިޓީން 55 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށި / ގުލާބީގެ، ޢަބްދުއްސައްތާރު ޢަލީ (55އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި ހިނގާ ޖަނަވަރީ މަހުގެ 22 ވަނަ ދުވަހު ކުޅުދުއްފުށި ސިޓީގެ މަގުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރުމުގެ ތެރޭގައެވެ.

Ad
rt

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ޢަބްދުއްސައްތާރު ޢަލީ ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ހަތަރު ރަބަރުކޮޅު އޭނާގެ އަތުން ވަނީ ފެނިފައެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ހަތް ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ.

ކުޅުދުއްފުށި ސިޓީގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް ބޭނުންކުރާ މީހުން ހޯދުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހައްޔަރުކުރި މި މީހާގެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.