ޗައިނާގެ ރައީސް ޝީ ޖިންޕިންގް އެގައުމުގެ އެންމެ އިސް އަސްކަރީ ވެރިންގެ ތެރޭގައި ހިމެނޭ ޖެނެރަލަކު މަގާމުން ވަކިކުރައްވައިފިއެވެ.

މިއީ ޕީޕަލްސް ލިބަރޭޝަން އާމީ (ޕީއެލްއޭ) ގެ ލީޑަރޝިޕަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ހިންގާ ފުޅާ ހަރަކާތުގެ ތެރެއިން ނިންމެވި ނިންމެވުމެކެވެ. މިކަމުގެ ސަބަބުން ބެއިޖިންގްގެ އަސްކަރީ ތައްޔާރީތަކާ މެދު، ހާއްސަކޮށް ތައިވާނާ ގުޅޭގޮތުން، އާ ސުވާލުތަކެއް ވަނީ އުފެދިފައެވެ.

Ad
rt

ޗައިނާގެ ބާރުގަދަ ސެންޓްރަލް މިލިޓަރީ ކޮމިޝަން (ސީއެމްސީ) ގެ ވައިސް ޗެއާމަން އަދި އެގައުމުގެ އަސްކަރިއްޔާގައި ހުރި އެންމެ ތަޖުރިބާކާރު އެއް ކޮމާންޑަރު، ޖެނެރަލް ޖަންގް ޔޫޝިއާ މަގާމުން ވަކިކުރީ "އަހުލާގީ މިންގަނޑުތަކާއި ގާނޫނާ ހިލާފުވުމުގެ" ތުހުމަތުގައި ކަމަށް ރަސްމީ ބަޔާންތަކުން ބުނެއެވެ. ނަމަވެސް، މި ތުހުމަތުތަކުގެ އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ޖެނެރަލް ޖަންގް މަގާމުން ވަކިކުރުމަކީ، 2012 ވަނަ އަހަރު ރައީސް ޝީ ވެރިކަމަށް ވަޑައިގަތީއްސުރެ އަސްކަރިއްޔާގެ ތެރޭގައި ހިންގަވަމުން ގެންދަވާ ކޮރަޕްޝަނާ ދެކޮޅު ކެމްޕޭނުގެ ދަށުން ހިނގި އެންމެ ފާހަގަކޮށްލެވޭ އެއް ކަންތަކެވެ. މި ކެމްޕޭނުގެ ދަށުން މިހާތަނަށް ސަތޭކައަށްވުރެ ގިނަ އިސް އޮފިސަރުންގެ މައްސަލަ ބަލައި ނުވަތަ މަގާމުން ވަކިކޮށްފައިވާއިރު، ޗައިނާގެ ސިޔާސީ އަދި އަސްކަރީ އިދާރާތަކުގެ 200,000 އަށްވުރެ ގިނަ އޮފިޝަލުންނަށް ވަނީ އަދަބު ދީފައެވެ.

އުމުރުން 75 އަހަރުގެ ޖެނެރަލް ޖަންގް އަކީ ޕީއެލްއޭ ޒަމާނީ ކުރުމުގެ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އަދި އޭނާއަކީ 1979 ވަނަ އަހަރު ވިއެޓްނާމާ ދެކޮޅަށް ކުރި ބޯޑަރު ހަނގުރާމައިގައި ބައިވެރިވެވަޑައިގެންފައިވާ، ހަނގުރާމައިގެ އަމަލީ ތަޖުރިބާ ހުރި މަދު ކޮމާންޑަރުންގެ ތެރެއިން އެކެކެވެ. މީގެ އިތުރުން، އޭނާއަކީ ކުޑައިރުއްސުރެ ރައީސް ޝީއާ ގާތް ގުޅުމެއް އޮންނަ ބޭފުޅެއް ކަމަށްވެސް ބެލެވެއެވެ.

މީގެ އިތުރުން، ސީއެމްސީގެ ޖޮއިންޓް ސްޓާފް ޑިޕާޓްމަންޓުގެ ޗީފް އޮފް ސްޓާފް، ލިއު ޒެންލީގެ މައްސަލަވެސް ބަލަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިއާއެކު ޗައިނާގެ އެންމެ މަތީ އަސްކަރީ މަޖިލީހުގެ މެންބަރުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. ކުރިން ގިނަ މެންބަރުންތަކެއް ތިއްބެވި ސީއެމްސީގައި މިހާރު ތިއްބެވީ އެންމެ ދެ މެންބަރުންނެވެ. އެއީ ރައީސް ޝީ އަދި އަސްކަރިއްޔާގެ ކޮރަޕްޝަނާ ދެކޮޅު މަސައްކަތްތަކާ ބެހޭ ވެރިޔާ ޖަންގް ޝެންގްމިން އެވެ.