ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ށ. އަތޮޅުގެ ޗެމްޕިއަންކަން އަނެއްކާވެސް ކަނޑިތީމުން ކާމިޔާބުކޮށްފިއެވެ.

އިއްޔެ ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި ފޯކައިދޫއާ ބައްދަލުކޮށް ކަނޑިތީމުން ތަށި އުފުލާލީ ފަސޭހަކަމާއެކު މެޗު ކާމިޔާބުކޮށްގެންނެވެ.

Ad
rt

ރޭގެ ކާމިޔާބީއާއެކު އެޓީމުން ވަނީ މިހާތަނަށް ހަ ފަހަރު އަތޮޅު ތަށި އުފުލާލައިފައެވެ.

ފައިނަލް މެޗުގައި ފޯކައިދޫގެ މައްޗަށް ކަނޑިތީމުން ކުރިހޯދީ 5-0 ގެ ބޮޑު ތަފާތަކުންނެވެ. މި މެޗުގައި އެންމެ ފާހަގަކޮށްލެވޭ ކުޅުމެއް ދެއްކީ ކަނޑިތީމުގެ ރައުލް ނިޔާޒް އެވެ. އޭނާ ވަނީ މި މެޗުގައި ހެޓްރިކް ފުރިހަމަކޮށްފައެވެ. މީގެ އިތުރުން ކަނޑިތީމުގެ އަނެއް ދެ ލަނޑު ޖަހައިދިނީ އެޓީމުގެ ކެޕްޓަން އިބްރާހީމް ނަދާދެވެ.

މި މުބާރާތުގައި ރައުލް ދައްކަމުންދާ މޮޅު ކުޅުމާއެކު އޭނާ ވަނީ ށ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ. ރައުލް ވަނީ މުބާރާތުގައި ޖުމުލަ 11 ގޯލް ޖަހައި، މުޅި މުބާރާތުގައިވެސް އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމުގައި މިވަގުތު ހިފަހައްޓާފައެވެ.

ށ. އަތޮޅުގެ ޗެމްޕިއަންކަން ކަނޑިތީމުން ހޯދުމާއެކު، އެޓީމު ދެން ވާދަކުރާނީ މުބާރާތުގެ ޒޯން ބުރަށެވެ.

މި މުބާރާތުގެ ހއ. ޗެމްޕިއަނަކީ ފުރަތަމަ ފަހަރަށް މި މުބާރާތުގެ ތަށި އުފުލާލި މާރަންދޫ އެވެ. ހދ. ޗެމްޕިއަނަކީ 8 ވަނަ ފަހަރަށް ތަށި ހޯދި ނައިވާދޫއެވެ.