ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ހއ. އަތޮޅުގެ ޗެމްޕިއަންކަން މާރަންދޫން ހޯދައިފިއެވެ.
އިއްޔެ ހަވީރު ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި މާރަންދޫން ކެލާ ބަލިކުރީ ޕެނަލްޓީ ޖަހައިގެންނެވެ.
މިއީ މި ދެ ރަށަށްވެސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އަތޮޅު ފައިނަލުގައި ވާދަކުރި ފުރަތަމަ ފަހަރެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު ވަނީ 1-1 އިން އެއްވަރުވެފައެވެ. މެޗުގައި މާރަންދޫގެ ލަނޑު ލޫތު ހުސައިން ކާމިޔާބުކޮށްދިން އިރު، ކެލާގެ ލަނޑު ޖަހައިދިނީ އިބްރާހީމް ރިޝާލެވެ.
ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި މާރަންދޫން ކުރިހޯދީ 4-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި މާރަންދޫގެ ކީޕަރު ނައުފަލް މޫސާ ވަނީ ކެލާގެ ހުރިހާ ޕެނަލްޓީއެއް ހުށިޔާރުކަމާއެކު މަތަކޮށްފައެވެ. މާރަންދޫގެ ފަރާތުން ޕެނަލްޓީތައް ކާމިޔާބުކުރީ މުހައްމަދު ހަމްދާން އަހުމަދާއި، ހަސަން އަސްލަމް އަދި އަހުމަދު މުހައްމަދެވެ.
މުބާރާތުގެ ހއ. އަތޮޅުގެ ވަނަތަކަށް ބަލާއިރު، އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ ކެލާ ޓީމުގެ އިބްރާހީމް ރިޝާލެވެ. އަދި އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މާރަންދޫ ޓީމުގެ ހަމްދޫން އަހުމަދު ލަތީފެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ މާރަންދޫ ޓީމުގެ ނައުފަލް މޫސާ އެވެ.
މި މުބާރާތުގެ ހދ. ޗެމްޕިއަނަކީ މި އަހަރު ވެސް ނައިވާދޫ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!