ހދ. އަތޮޅުގެ ރަށު ކައުންސިލްތަކަށް ސޯލާ ޕެނަލް ހަރުކުރުމަށާއި، ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ދޫކުރި 1.8 މިލިއަން ރުފިޔާގެ އެހީ ބޭނުންކުރީ ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށްތޯ ހދ. އަތޮޅު ކައުންސިލުން އެކަށީގެންވާ ގޮތެއްގައި ބަލާފައި ނުވާކަމަށް، އޮޑިޓް އޮފީހުން ނެރުނު ''ހދ.އަތޮޅު ކައުންސިލް އިދާރާގެ 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓް'' ގައި ބުނެފިއެވެ.
އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، 2024 ވަނަ އަހަރު އަތޮޅުގެ ރަށު ކައުންސިލްތަކުގައި ސޯލާ ޕެނަލް ހަރުކުރުމަށާއި ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ހުށަހެޅި ޕްރޮޕޯސަލްތަކަށް ބިނާކޮށް ޖުމްލަ 1,803,456 (އެއް މިލިއަން އަށްލައްކަ ތިންހާސް ހަތަރުސަތޭކަ ފަންސާސް ހައެއް) ރުފިޔާ މާލީ އެހީގެ ގޮތުގައި ދޫކޮށްފައިވެއެވެ. ނަމަވެސް، މި ފައިސާ ބޭނުންކުރާ ގޮތް އަތޮޅު ކައުންސިލުން އެކަށީގެންވާ ގޮތެއްގައި މޮނީޓަރުކޮށް ބަލަހައްޓާފައެއް ނުވެއެވެ.
އެއްބަސްވުންތަކާ އެއްގޮތަށް އަމަލުކުރާކަން ކަށަވަރެއް ނުކުރެވޭ
އެހީ ދިނުމަށް ތައްޔާރުކޮށްފައިވާ އުސޫލާއި އެއްބަސްވުންތަކުގައި، ރަށު ކައުންސިލްތަކުން އެއްބަސްވުމާ އެއްގޮތަށް އަމަލުކުރޭތޯ އަތޮޅު ކައުންސިލުން ޔަގީންކުރަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އެހެންނަމަވެސް، އެ ފައިސާ ބޭނުންކޮށްފައިވަނީ އެއްބަސްވެފައިވާ ކަންކަމަށްކަން ކަށަވަރުކުރެވޭނެ ގޮތެއް ނެތް ކަމަށާއި، އެކަން މޮނީޓަރުކޮށްފައިވާކަން ލިޔެކިޔުންތަކުން އެނގެން ނެތް ކަމަށް އޮޑިޓްގައި ފާހަގަކޮށްފައިވެއެވެ.
ހދ.އަތޮޅު ކައުންސިލްގެ ބައެއް ތަޖުރިބާ ދަތުރުތަކުގެ މަގުސަދު ސާފެއްނޫން: އޮޑިޓް ރިޕޯޓް
މީގެ އިތުރުން، ބައެއް އެއްބަސްވުންތަކުގެ މުއްދަތު ހަމަވެފައިވީ ނަމަވެސް، އެ މުއްދަތު އިތުރުކޮށްފައި ނުވާކަން އޮޑިޓުން ވަނީ ހާމަވެފައެވެ. އަދި މުއްދަތަށް މަސައްކަތް ނުނިމިއްޖެ ހާލަތެއްގައި އެ ފައިސާއާ މެދު އަމަލުކުރާނެ ގޮތެއް އުސޫލުތަކާއި އެއްބަސްވުންތަކުގައި ބަޔާންކޮށްފައި ނުވާކަންވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ބައެއް މަޝްރޫއުތަކުގެ ތަފްސީލީ ރިޕޯޓުތައްވެސް ކައުންސިލަށް ހުށަހަޅާފައި ނުވާކަމަށް ވެސް އެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.
އޮޑިޓް އޮފީހުގެ އިސްލާހީ ލަފާ
މި މައްސަލަތަކާ ގުޅިގެން އޮޑިޓް އޮފީހުން ވަނީ ކައުންސިލަށް އިސްލާހީ ލަފާދީފައެވެ. އެގޮތުން، އެކި ފަރާތްތަކަށް އެހީގެ ގޮތުގައި ދޫކުރާ ފައިސާ ބޭނުންކުރަމުންދާ ގޮތް ގަވާއިދުން މޮނީޓަރުކޮށް ބެލެހެއްޓުމަށް ވަނީ އަންގާފައެވެ.
އަދި ކުރިއަށް އޮތް ތަނުގައި އެހީ ދިނުމުގެ އެއްބަސްވުންތައް އެކުލަވާލާއިރު، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތް ފުރިހަމަ ނުކުރެވިއްޖެ ނަމަ އަޅާނެ ފިޔަވަޅުތައް އެއްބަސްވުންތަކުގައި ސަރީހަކޮށް ހިމެނުމަށްވެސް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.
ސްޓޭޓް ހައުސް މަރާމާތު ކުރުމުގެ މަސައްކަތް ފުރިހަމައަށް ނުނިމެނީސް ކޮންޓްރެކްޓަރަށް ފައިސާ ދޫކުރުން
މީގެ އިތިރުން ހދ. އަތޮޅު ކައުންސިލްގެ ސްޓޭޓް ހައުސް މަރާމާތު ކުރުމުގެ މަސައްކަތް ފުރިހަމައަށް ނުނިމެނީސް ކޮންޓްރެކްޓަރަށް ފައިސާ ދައްކާފައިވާކަން ފާހަގަކުރެވޭކަމަށް މި ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ. މިގޮތުން މަސައްކަތް ނިންމިކަމުގެ ރަސްމީ ލިޔުމެއް ނުވަތަ އިންސްޕެކްޝަން ރިޕޯޓެއް ތައްޔާރުކުރުމަކާ ނުލައި ފައިސާ ދޫކޮށްފައިވުމަކީ މާލިއްޔަތު ގަވާއިދާ ޚިލާފު ކަމެއްކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވާއިރު، މަސައްކަތް މުއްދަތަށް ނުނިމުމުގެ ސަބަބުން ލިކުއިޑޭޓެޑް ޑެމޭޖަސްގެ ގޮތުގައި 102,495 ރުފިޔާ އުނިކުރުމަށްފަހު، ޖުމްލަ 580,803 ރުފިޔާ ކޮންޓްރެކްޓަރަށް ވަނީ ދައްކާފައިކަން އޮޑިޓުން ފާހަގަކޮށްފަވެއެވެ.
މަސައްކަތުގެ މަޢުލޫމާތު ކަރުދާހާ ޚިލާފަށް ބައެއް މަސައްކަތްތައް ކޮށްފައިވާއިރު، މަސައްކަތަށް ގެނެވުނު ބަދަލުތަކުގެ އެއްވެސް ލިޔެކިޔުމެއް ބަލަހައްޓާފައެއް ނުވާކަމަށާއި، މަސައްކަތަށް ގެނެވުނު ބަދަލުތަކަކީ ކައުންސިލްގެ ހުއްދައާއެކު ގެނެވުނު ބަދަލުތަކެއްކަން ކަށަވަރު ކުރެވޭނެ ގޮތެއް ނެތްކަން ވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފަވެއެވެ. އަދި ތަފްސީލީ ބީ.އޯ.ކިއު އެއް ނެތުމުގެ ސަބަބުން، ވަކިވަކި މަސައްކަތްތަކަށް ހިނގާނެ ޚަރަދުތަކުގެ ތަފްސީލު އެނގެން ނެތްކަން ވެސް ފާހަގަކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!