ހދ. އަތޮޅު ކައުންސިލުން ތަޖުރިބާ ހޯދުމުގެ ނަމުގައި ކޮށްފައިވާ ބައެއް ދަތުރުތަކަކީ އޭގެ މަގުސަދު ސާފުނުވާ އަދި ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން ނެރުއްވާފައިވާ އިރުޝާދުތަކާ ޚިލާފަށް ކޮށްފައިވާ ދަތުރުތަކެއް ކަމަށް ''ހދ.އަތޮޅު ކައުންސިލް އިދާރާގެ 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓް''ގައި ބުނެފިއެވެ.

2024 ވަނަ އަހަރުގެ ބަޖެޓު ތަންފީޒުކުރުމުގައި ޚަރަދުތަކުގެ އެފިޝަންސީ އިތުރުކުރުމަށް ފިނޭންސް މިނިސްޓްރީން ސާކިއުލާއެއް ނެރެ، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް އަންގާފައި ވަނިކޮށް މި ދަތުރުތައް ކޮށްފައިވާކަން އޮޑިޓުން ވަނީ ފާހަގަކޮށްފައެވެ.

Ad
rt

އޮޑިޓް ރިޕޯޓުގައިވާ ގޮތުން، ކައުންސިލްގެ 12 ބޭފުޅަކު ތަޖުރިބާ ހޯދުމުގެ ނަމުގައި އައްޑޫ ސިޓީއަށާއި ފުވައްމުލަކު ސިޓީއަށް 8 ދުވަހުގެ ދަތުރެއް ކޮށްފައިވެއެވެ. މި ދަތުރަށް ކައުންސިލްގެ ބަޖެޓުން 186,584 ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މީގެ އިތުރުން، ކައުންސިލްގެ 12 މުވައްޒަފުން ފ. އަތޮޅާއި ދ. އަތޮޅުގެ އެކި ރަށްތަކަށް ކުރި 8 ދުވަހުގެ ތަޖުރިބާ ދަތުރަށް 172,138 ރުފިޔާ ޚަރަދުކޮށްފައިވެއެވެ. ޖުމުލަ ގޮތެއްގައި 2024 ވަނަ އަހަރު މިފަދަ ދަތުރުތަކަށް 358,722 ރުފިޔާ ޚަރަދުކޮށްފައިވާކަން ރިޕޯޓުން އެނގެއެވެ.

އޮޑިޓަރުން ފާހަގަކޮށްފައިވާ ގޮތުގައި، މި ދަތުރުތަކުގެ ކުރިން ހާސިލުކުރަން ބޭނުންވާ ކަންކަމާއި، ލިބޭ ތަޖުރިބާ ބޭނުންކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލާފައެއް ނުވެއެވެ. އެހެންކަމުން ދަތުރުގެ މަގުސަދު ސާފުނުވާކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. އަދި ދަތުރުގެ ރިޕޯޓުގައި ބައެއް ރަށްރަށުގެ ކައުންސިލްތަކާ ބައްދަލުކުރިކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، އެކަން ކަށަވަރުކޮށްދޭނެ އެއްވެސް ހެއްކެއް ފެންނަން ނެތްކަމަށް ވެސް މި ރިޕޯޓުގައި ބުނެފަވެއެވެ.

މި މައްސަލަތަކާ ގުޅިގެން އޮޑިޓް ރިޕޯޓުގައި ވަނީ ކަންކަން އިޞްލާޙުކުރުމަށް ގިނަ ލަފާތަކެއް ދީފައެވެ. އޭގެ ތެރޭގައި ދައުލަތުގެ މާލިއްޔަތު ގަވާއިދާއި ޚަރަދު ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ނިންމެވުންތަކާ އެއްގޮތަށް އަމަލުކުރުމަށް ވަނީ އަންގާފައެވެ. އަދި ކައުންސިލްތަކަށް ބޭނުންވާ ތަމްރީނުތައް ދެނެގަތުމަށް 'ނީޑް އެސެސްމެންޓެއް' ތައްޔާރުކުރުމަށާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) މެދުވެރިވެގެން ހަމަޖެހިފައިވާ ނިޒާމެއްގެ ތެރެއިން ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ލަފާދީފައިވެއެވެ.

މީގެ އިތުރުން، ކައުންސިލް އިދާރާތަކުން ކުރާ ދަތުރުތަކުގެ ބޭނުމާއި ހާސިލްކުރަން ބޭނުންވާ ކަންކަމުގެ ތަފްސީލު ދުރާލާ ބެލެހެއްޓުމަށާއި، ދަތުރުތަކުން ހާސިލްވި ނަތީޖާތައް އޮފީސް މާހައުލުގައި ބޭނުންކުރާނެ ގޮތުގެ ރިޕޯޓު ލިޔުމުން ފެންނަން އޮންނަންވާނެ ކަމަށްވެސް އޮޑިޓް ރިޕޯޓުގައި ވަނީ ބަޔާންކޮށްފައެވެ.