ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ހއ. އަތޮޅު ފައިނަލުގެ ޖާގަތައް މާރަންދޫ އާއި ކެލާ ކަށަވަރުކޮށްފިއެވެ. މިއީ މި ދެ ރަށްވެސް މި މުބާރާތުގެ އަތޮޅު ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.

މާރަންދޫ ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ފިއްލަދޫއާ ބައްދަލުކޮށް 3-1 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މެޗުގައި މާރަންދޫގެ ހުމައިދު ހުސައިން ދެ ގޯލް ޖެހިއިރު، އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ޝަނީމް މޫސާއެވެ. ފިއްލަދޫގެ ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ޔާމީނެވެ.

Ad
rt

މާރަންދޫ އާއި ފިއްލަދޫ ބައްދަލުކުރި މެޗުގެ ފަހުކޮޅު ދަނޑުމަތީގެ މަސްލަހަތު ގޯސްވެ، ފިއްލަދޫގެ ދެ ކުޅުންތެރިން ކަމަށްވާ މުހައްމަދު ޔާމީން އަދި މުހައްމަދު ސާމީއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައިވެއެވެ.

ކެލާ ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މުރައިދޫއާ ބައްދަލުކޮށް 2-1 އިން މޮޅުވެގެންނެވެ. ގްރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދަތުރުކުރި ކެލާގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަބްދުﷲ އިހުސާން އަދި ގާސިމް އަތޫފެވެ. މުރައިދޫގެ ހަމައެކަނި ލަނޑު ޖެހީ އަބްދުﷲ ހިޝާނެވެ.

މި އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ހއ. އަތޮޅުން ޖުމްލަ 10 ޓީމު ބައިވެރިވެފައިވެއެވެ. މި އަތޮޅުގެ މެޗުތައް ކުރިއަށް ގެންގޮސްފައިވަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.

މި މުބާރާތުގެ ހދ. އަތޮޅު ފައިނަލަށް ދަތުރުކޮށްފައި ވަނީ ހަތް ފަހަރު އަތޮޅު ތަށި ނަގާފައިވާ ނައިވާދޫ އާއި އަލަށް ފައިނަލަށް ދަތުރުކުރި ނޮޅިވަރަންފަރެވެ.