ކޯވިޑް-19ގެ ޕެންޑެމިކް ދުވަސްވަރު ފުޅާ ދާއިރާއެއްގައި ޕީ.ސީ.އާރ ޓެސްޓިންގގެ ޚިދުމަތް ދިން ދެ ކުންފުންޏެއް ކަމަށްވާ ޕައިނިއަރ މޯލްޑިވްސް އާއި އައިލެންޑް ހެލްތް ސޮލިއުޝަންސް އިން ޓެކުހަށް މަކަރު ހަދާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ ތަހުގީގުކޮށް ދައުވާ ކުރުމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފިއެވެ.
މި މައްސަލައަކީ ޕީ.ސީ.އާރ ޓެސްޓިންގގެ ޑިމާންޑް ބޮޑުވި ދުވަސްވަރު އެ ޚިދުމަތް ދިނުމުގައި އިސްކޮށް އުޅުނު މި ދެ ކުންފުންޏާއި، އެ ކުންފުނިތަކުގެ ޑިރެކްޓަރުން ކަމަށްވާ ޑރ. އިކްލީލް ޝަރީފާއި ޑރ. ޢަލީ ޢަބްދުﷲ ލަޠީފު މީރާއަށް ހުށަހެޅި އިންކަމް ޓެކްސް ބަޔާންތަކުގައި، ޓެކްސް ނެގޭ އާމްދަނީ ބޮޑުތަނުން ދަށްކޮށް ރިޕޯޓުކޮށްފައިވާކަން ފާހަގަކުރެވިގެން ތަހުގީގު ކުރި މައްސަލައެކެވެ. މީގެ އިތުރުން ސައްހަ ނޫން މައުލޫމާތު ހިމަނައިގެން މާލީ ހިސާބުތައް ތައްޔާރުކޮށްދިން ކަމުގެ ތުހުމަތުގައި ޢަލީ ފަޔާޟްގެ މައްޗަށް ވެސް ދައުވާކޮށްދިނުމަށް ވަނީ އެދިފައެވެ.
އާމްދަނީގެ ގޮތުގައި 134 މިލިއަނަށްވުރެ ގިނަ ރުފިޔާ ފޮރުވި
މީރާގެ ތަހުގީގުން ހާމަވެފައިވާ ގޮތުގައި، 2020 އިން 2022 އަށް ހިނގި ޓެކްސް އަހަރުތަކުގައި ޕީ.ސީ.އާރ ޓެސްޓިންގގެ އިތުރުން "ޕާލް މެޑިކަލް ސެންޓަރ" މެދުވެރިކޮށް ދިން ޚިދުމަތްތަކުން ލިބުނު ފުރިހަމަ އާމްދަނީ މި ފަރާތްތަކުން ރިޕޯޓުކޮށްފައެއް ނުވެއެވެ. ތަފްސީލަށް ބަލާއިރު، އައިލެންޑް ހެލްތް ސޮލިއުޝަންސް އިން 31.9 މިލިއަން ރުފިޔާ އަދި ޕައިނިއަރ މޯލްޑިވްސް އިން 102.7 މިލިއަން ރުފިޔާ ޓެކްސް ބަޔާންތަކުގައި ހިމަނާފައެއް ނުވެއެވެ.
މި މަކަރާއި އޮޅުވާލުންތަކާ ގުޅިގެން ހެދި އޮޑިޓްތަކަށްފަހު، އައިލެންޑް ހެލްތުން 4.3 މިލިއަން ރުފިޔާ އަދި ޕައިނިއަރ މޯލްޑިވްސްއިން 23.7 މިލިއަން ރުފިޔާ ޓެކުހުގެ ގޮތުގައި ދެއްކުމަށް މީރާއިން ވަނީ އަންގާފައެވެ. މީރާއިން ފާހަގަކުރި ގޮތުގައި، ދައްކަންޖެހޭ ޓެކުހުގެ އަދަދު މަދުކުރުމަށްޓަކައި 'ކޮސްޓް އޮފް ސޭލްސް' އާއި އިދާރީ ޚަރަދުތަކުގެ ގޮތުގައި ވެސް ސައްހަ ނޫން އަދަދުތަކެއް ވަނީ ހިމަނާފައެވެ.
ޤާނޫނީ ފިޔަވަޅާއި އިލްތިމާސް
ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނުގެ 64 ވަނަ މާއްދާގެ ދަށުން، ޓެކްސް ދެއްކުމުން އެނގިހުރެ ގަސްދުގައި އެއްކިބާވުމަކީ ކުށެކެވެ. މީރާއިން ބުނީ ޓެކުހާ ގުޅޭ މި ފަދަ ކުށްތައް ކުރާ ފަރާތްތަކާމެދު "ޓެކްސް ކްރައިމް މިޓިގޭޝަން ސްޓްރެޓެޖީ" އާ އެއްގޮތަށް ފިޔަވަޅު އަޅަމުންދާނެ ކަމަށެވެ.
އެއްވެސް ފަރާތަކުން ޓެކުހާ ގުޅޭ ކުށެއް ނުވަތަ އޮޅުވާލުމެއް ހިންގާކަމަށް ޝައްކު ކުރެވޭނަމަ، މީރާގެ ވެބްސައިޓުގައިވާ "ވިސުލް ބްލޯވިންގ" ފަންކްޝަން މެދުވެރިކޮށް އެ މައުލޫމާތު ހިއްސާކުރުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!