ދިވެހިބަހުގެ އެކަޑެމީގެ ރައީސްކަމުގެ މަގާމަށް، ރާއްޖޭގެ މަޝްހޫރު ޅެންވެރިޔާ އަދި ލިޔުންތެރިޔާ ހ. ހުދުފިނިފެންމާގޭ ޙަސަން ޝާކިރު މުޙައްމަދު އިންތިޚާބުކޮށްފިއެވެ.

ޝާކިރު މި މަގާމަށް ހޮއްވެވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި އެކަޑެމީގެ މެންބަރުންގެ ބައްދަލުވުމުގައި ނެގުނު ސިއްރު ވޯޓަކުންނެވެ.

Ad
rt

މި ވޯޓުގައި އެކަޑެމީގެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ފަސް މެންބަރުންގެ އިއްތިފާގުން ޝާކިރަށް ވަނީ ވޯޓު ލިބިވަޑައިގެންފައެވެ. އެކަޑެމީގެ މިހާރުގެ ބޯޑު އެކުލެވިގެންވަނީ ރައީސް ޙަސަން ޝާކިރު މުޙައްމަދުގެ އިތުރުން، ނައިބު ރައީސް ޒުލްފާ އިބްރާހީމާއި، މެންބަރުން ކަމަށްވާ ޢިޔާޒް ޖާދުﷲ ނަސީމް، އިބްރާހީމް ވަޙީދު އަދި ފާޠިމަތު ޢައްޒަގެ މައްޗަށެވެ.

ޙަސަން ޝާކިރު މުޙައްމަދަކީ ދިވެހި އަދަބިއްޔާތަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން މިހާތަނަށް އަށް ފޮތް ލިޔުއްވައި ނެރުއްވާފައިވާ ޝާކިރަށް ވަނީ 1998 ވަނަ އަހަރު ޅެންވެރިކަމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމާއި، 2007 ވަނަ އަހަރު ވާހަކަދެއްކުންތެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ. އަދި 2022 ވަނަ އަހަރު ވަނީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމުވެސް ހާސިލުކުރައްވާފައެވެ.

އަދަބީ ޚިދުމަތްތަކުގެ ތެރޭގައި ޅެންވެރިކަމުގެ ކޯސްތައް ހިންގެވުމާއި، އަދަބީ މުބާރާތްތަކުގެ ފަނޑިޔާރުކަން ކުރެއްވުން ހިމެނެއެވެ. މީގެ އިތުރުން ލިޔުންތެރިންގެ ގުޅުމުގެ ނައިބު ރައީސްކަން ދެ ދައުރެއްގައި ކުރައްވައި، އެ ޖަމްޢިއްޔާ އުފެދުނީއްސުރެ 2023 އާ ހަމައަށް އެކި މަގާމުތަކުގައި އަމަލީ ގޮތުން ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ.

ދިވެހިބަހުގެ އެކަޑެމީގެ ރައީސްގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ޑރ. އަޝްރަފް ޢަބްދުއްރަޙީމް މިދިޔަ މަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެކަޑެމީގެ މެންބަރެއްގެ ދައުރަކީ ފަސް އަހަރު ދުވަހެވެ.