މިއަހަރު އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އިހަވަންދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރެއްވުމަށް އެ ކައުންސިލްގެ މިހާރުގެ ރައީސް އަހްމަދު ސޮބާހް އިލެކްޝަން ކޮމިޝަން (އީސީ) އަށް ފޯމު ހުށަހަޅުއްވައިފިއެވެ.
މިދައުރު ޕީޕީއެމް/ޕީއެންސީގެ މެމްބަރެއްގެ ގޮތުގައި ކައުންސިލް ގޮނޑި ފުރުއްވަމުންގެންދަވާ ސޮބާހް އައު ދައުރަކަށް އިހަވަންދޫ ކައުންސިލްގެ ރައީސް ކަމަށް ކުރިމަތިލައްވަނީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައިއެވެ.
ސޮބާހް މިއަދު ''ތިލަދުން'' އަށް ވިދާޅުވީ، އޭނާ އާއި އޭނާގެ ޓީމު އިންތިޚާބުގައި ވާދަލުރުމަށް އީސީ އަށް މިހާރު ފޯމު ހުށަހަޅުއްވާފައިވާކަމަށެވެ. އޭނާގެ ޓީމުގައި ކައުންސިލް މެމްބަރުންކަމަށް އޭނާ އާއިއެކު ހަތަރު މެމްބަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުކަމަށް ރައީސާ އާއި ހަތަރު މެމްބަރުން ވަނީ ފޯމު ހުށަހަޅުއްވާފައެވެ.
ސޮބާހް ވިދާޅުވީ އައު ދައުރަކަށް ރަނގަޅު ޓީމަކާއި ނުކުންނަވަނީ ރައްޔިތުން އެގޮތަށް އެދެމުން އަންނާތީއާއި، ރަށުގެ ތަރައްގީއަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކޮށްދޭން ބޭނުންވާތީކަމަށެވެ.
''އަޅުގަނޑުމެން ޓީމުގެ ތަސައްވުރަށް ރައްޔިތުންގެ ޚިޔާލަށްނ މިހާރު ވާނީ ހުޅުވާލާފައި، އަޅުގަނޑުމެންގެ ތަސައްވުރަކީ ރައްޔިތުންގެ ވެސް ތަސައްވުރު'' ހއ. އަތޮޅު ކައުންސިލްގެ ނައިބު ރައީސްގެ ގޮތުގައި ވެސް ހުންނެވި ސޮބާހް ވިދާޅުވިއެވެ.
ސޮބާހް ވިދާޅުވީ، އަމިއްލަ ގޮތުން ވާދަކުރަށްވަން ނިންމެވީ ޕާޓީގެ ޓިކެޓަށް މަސައްކަތްކުރުމުން ކަންހިނގާދިޔަގޮތުންކަމަށެވެ. އަދި އޭނާގެ ޓީމަކީ ވަރަށް ގާބިލު ޓީމެއްކަމަށް ވިދާޅުވިއެވެ.
އަންނަ އިންތިޚާބު ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ އޭޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!