ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ހދ. ހަނިމާދޫ އިސްތިހާރުކުރުމަށާއި، ކުރިއަށް އޮތް 1447 ވަނަ އަހަރުގެ ފިތުރު އީދާއި އަޟުޙާ އީދު އެ ރަށުގައި ކުލަގަދަކޮށް ފާހަގަކުރުމަށް ބޭނުންވާ ފަރާތެއް ހޯދުމަށް ހަނިމާދޫ ކައުންސިލުން މިއަދު އިއުލާންކޮށްފިއެވެ.
ހަނިމާދޫ ކައުންސިލުން ބުނީ "ހަނިމާދޫ އޭސް އަ ޑެސްޓިނޭޝަން" ގެ ނަމުގައި އެ ރަށުގެ ފަތުރުވެރިކަމުގެ ދާއިރާގެ ހުރިހާ ވިޔަފާރިތަކެއް އެއް ފުރާޅެއްގެ ދަށުން މާކެޓްކޮށް އިސްތިހާރުކުރުމަށް ބޭނުންވާ ކަމަށެވެ.
މީގެ އިތުރުން މިކަމަށް ބޭނުންވާ ހާއްސަ ޕްލެޓްފޯމެއް އުފެއްދުމަކީ ވެސް މި މަޝްރޫއުގެ މުހިންމު ބައެއް ކަމަށް ކައުންސިލުން ފާހަގަކުރެއެވެ.
ބީލަމަށް ހުޅުވާލުން
މި މަސައްކަތަށް ޝައުގުވެރިވާ ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކާއި ކުލަބު ޖަމިއްޔާތަކަށް މިހާރު ވަނީ ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2026 ޖަނަވަރީ 15 އިން ފެށިގެން ޖަނަވަރީ 25 ވަނަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން އޮންލައިންކޮށް ރަޖިސްޓްރީވާން ޖެހޭނެއެވެ.
މި މަޝްރޫއުގެ އަންދާސީ ހިސާބު ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2026 ފެބްރުއަރީ 01 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:30 ގައި ހދ. ހަނިމާދޫ ކައުންސިލް އިދާރާގެ މީޓިން ރޫމުގައެވެ.
ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް ބީލަމާ ގުޅޭ އިތުރު މައުލޫމާތު އީމެއިލް މެދުވެރިކޮށް ފޮނުވޭނެ ކަމަށް ވެސް ކައުންސިލުން ބުނެއެވެ.
ހަނިމާދޫ ކައުންސިލުން އިތުރަށް ބުނީ މި މަސައްކަތާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން ކައުންސިލްގެ ނަންބަރު 4002064 އަށް ގުޅުއްވުމަށް ނުވަތަ info@hanimaadhoo.gov.mv އަށް އީމެއިލް ކުރެއްވުމަށް އެދޭ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!