ހއ.ތަކަންދޫ އެކުވެރިންގެ ރޫހު (ޓީއީއާރު)ގެ ފަރާތުން އިންތިޒާމުކޮށްގެން ބޭއްވި "ޓީއީއާރު ސްޕޯޓްސް ފެސްޓް 2025" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި ފެސްޓިވަލްގެ ތެރެއިން ކުރިއަށްދިޔަ އަންހެނުންގެ ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ޓީމު ކަނބުލޮ ހޯދިއިރު، ފިރިހެނުންގެ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އެސްސީ ވެލޯރަސް އެވެ.
އަންހެނުންނަށް ހާއްސަކޮށްގެން ބޭއްވި ވޮލީ މުބާރާތުގެ ފައިނަލްގައި ވާދަކޮށް ރަނަރަޕް ޓީމަކަށް ހޮވިފައިވަނީ މަންޖެ އެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ ވޮލީ ކުއީންގެ މަގާމު ހޯދީ ކަނބުލޮ ޓީމުގެ ރަމްޒިއްޔާ އަބްދުﷲ އެވެ.
ވޮލީ މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ރީނާ އަބްދުﷲ (ހިޔަލަ)، ސިޔާޒާ އިބްރާހިމް (ކަނބުލޮ)، ހައްވާ ޝިފާނާ (މަންޖެ)، ޝަހާމާ އަބްދުލް ކަރީމް (މަންޖެ)، ރަމްޒިއްޔާ އަބްދުﷲ (ކަނބުލޮ) އަދި ރަޝީދާ މުހައްމަދު (ކަނބުލޮ) އެވެ.
ވޮލީ މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިން، ފޮޓޯ: ޓީއީއާރު
ފިރިހެނުންނަށް ހާއްސަކޮށްގެން ބޭއްވި ފުޓްސަލް މުބާރާތުގެ ފައިނަލްގައި އެސްސީ ވެލޯރަސް އާ ވާދަކޮށް ރަނަރަޕްކަން ހޯދީ ގޯލްޑަން އެފްސީ އެވެ. ފުޓްސަލް މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ ފުޓްސަލް ކިންގްގެ މަގާމު އެސްސީ ވެލޯރަސްގެ ޖަޒްލާން ޖައުފަރު ހޯދިއިރު، މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ހުސައިން އާދަމް (ގޯލްޑަން އެފްސީ)، ނާއިލް އަބްދުﷲ (އެސްސީ ވެލޯރަސް)، ޖަޒްލާން ޖައުފަރު (އެސްސީ ވެލޯރަސް)، އިބްރާހިމް މުހައްމަދު (ގޯލްޑަން އެފްސީ) އަދި ރައުހާން ރިފްއަތު (އެސްސީ ވެލޯރަސް) އެވެ.
ޓީއީއާރު ސްޕޯޓްސް ފެސްޓް 2025ގެ ފުޓްސަލް ޗެމްޕިއަން ވެލޯރަސް، ފޮޓޯ: ޓީއީއާރު
މި ފެސްޓިވަލްގެ މެއިން ސްޕޮންސަރަކީ އެސްޓީއޯ އެވެ. މީގެ އިތުރުން ސްވަން ފެމިލީ، އަބޫދީ، ސާކަލް އޭ، ތަކަންދޫ ކައުންސިލްގެ އިދާރާ، އެޕްނިއާ މޯލްޑިވްސް، ޖޫނިއަސް، ލިސްޓޯ، ކްލޭމްޕް ކޮމްޕެނީ އަދި ވޮލްކް އިން ވަނީ މި މުބާރާތް ކުރިއަށް ގެންދިއުމުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ.
ފުޓްސަލް މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން، ފޮޓޯ: ޓީއީއާރު
މި ފެސްޓިވަލް ނިންމުމުގެ ރަސްމިއްޔާތު ހުށަހަޅުއްވައިދެއްވީ ތަކަންދޫއަށް އުފަން މަޝްހޫރު ޕްރެޒެންޓަރ އަދި ނޫސްވެެރިޔާ އަހްމަދު ހަމީދު އާދަމްއެވެ. މި ފެސްޓިވަލް ނިމުމުގެ ރަސްމިއްޔާތުގައި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާޢު ވެސް ބައިވެރިވެވަޑައިގަތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!