އެހީ ޖަމިއްޔާ އާއި ހއ. ދިއްދޫ ދި-ފައުންޑޭޝަންއާއި ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

Ad
rt

މި އެއްބަސްވުމުގައި ސޮއިކުރުމާއި ގުޅިގެން އެހީ ޖަމިއްޔާއިން ބުނީ، އިޖްތިމާޢީ މަސައްކަތްތައް އެއްބަޔަކު އަނެއް ބަޔަކަށް އެއްބާރުލުން ދީގެން އެކުގައި ކޮށްފިނަމަ ބޭނުންވާ ކަންކަން ހާސިލްކުރަން ވަރަށް ފަސޭހަވެގެން ދާނެ ކަމަށެވެ.

ދި ފައުންޑޭޝަން އަކީ ހއ. އަތޮޅުގައިވެސް ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައިވާ ވަރަށް ހީވާގި ޓީމެއް ހިމެނޭ ޖަމިއްޔާއެއް ކަން ފާހަގަކޮށް، އެކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބި މަސައްކަތްތަކުގެ ނަތީޖާ ފުރިހަމަކަން ފާހަގަވެފައިވާކަމީ މިފަދަ ޖަމިއްޔާއަކާއެކު ޒިންމާދާރު މަސައްކަތްތަކެއް ކުރެވޭނެ ކަމުގެ ހެއްކެއްކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

“މި ވެވުނު އެއްބަސްވުމަކީ ހ.އ.ދިއްދޫގައިވެސް އަދި އެ އަތޮޅުގައިވެސް ގުޅިގެން އިޖްތިމާޢީ ގިނަ މަސައްކަތްތަކެއް ކުރުމަށް ވެވުނު އެއްބަސްވުމެއް. މާތްﷲގެ އިރާދަފުޅާއެކު މަންފާ ކުރަނިވި ގިނަ ހަރަކާތްތަކެއް ހިންގޭނެކަމަށް އުންމީދުކުރަން.” އެހީ ޖަމިއްޔާއިން ބުންޏެވެ.

މި އެއްބަސްވުމުގެ ތެރޭގައި ހިމެނޭ ކަންކަމުގެ ތެރޭގައި ދިއްދޫ އާއި ހއ.އަތޮޅުގެ އިޖުތިމާއީ ކަންކަމުގައި އެކުގައި މަސައްކަތް ކުރުމާއި، ދިއްދޫ އާއި ހއ.އަތޮޅުގައި ދަތިހާލުގައި އުޅޭ އަދި އެހީތެރިކަން ބޭނުންވާ ޢާއިލާތަކުގެ ޞައްޙަ މައުލޫމާތު ހޯދުމާއި، މަހުން މަހަށް ފޯރުކޮށްދޭ ޢާއިލާ ދިއްދޫ ނުވަތަ ހއ.އަތޮޅުގައި އުޅޭނަމަ އެ ޢާއިލާ އަކާއި ގުޅޭ އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަމުގައި ހަރަކާތްތެރިވުން ހިމެނެއެވެ.

މީގެ އިތުރުން ދިއްދޫ އާއި ހއ.އަތޮޅުގައި ދިމާވާ ކާރިސާތަކުގައި ކުއްލި އެހީތެރިކަން ފޯރުކޮށްދިނުމުގައި އެކުގައި މަސައްކަތް ކުރުމާއި އަދި ދިއްދޫ އާއި އަތޮޅުގެ ހާއްސަ މުނާސަބަތުތާއި ހާއްސަ ދުވަސްތަކާއި ގުޅުވައި ހިންގޭ ޕްރޮގްރާމްތަކުގައި އެކުގައި ހަރަކާތްތައް ހިންގުމަކީ ވެސް އެއްބަސްވުމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.