ރ. ދުވާފަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނިގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރ. ދުވާފަރު / ދޫރެސްގެ، އިސްމާޢީލް މަޙުމަދޫ (53އ) އާއި އެ ރަށު ޕެލެސް، އީސާ އަޙްމަދު (40އ) އެވެ.

Ad
rt

ފުލުހުން ހާމަކުރި ގޮތުގައި މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މާލެއިން ދުވާފަރަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 10 ވަނަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ދުވާފަރު ޕޮލިސް ސްޓޭޝަނުންނެވެ.

ދުވާފަރު ބަނދަރު ސަރަހައްދުން މި ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މި ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މި މައްސަލާގައި ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އިސްމާޢީލް މަޙުމޫދު ފަސް ދުވަހަށް އަދި އީސާ އަޙްމަދު 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް އެ މުއައްސަސާއިން ބުނެފައިވެއެވެ.