2025 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 107 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު 4.8 އިންސައްތަ އިތުރު އަދަދެކެވެ.

Ad
rt

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެތަފާސްހިސާބުތަކަށް ބަލާއިރު، ނިމިދިޔަ އަހަރުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި އެންމެ ގިނަ ފައިސާ ލިބިފައިވަނީ މާރޗު މަހުގައެވެ. އެ މަހު އެކަނިވެސް 23 މިލިޔަން ރުފިޔާ ޒަކާތުގެ ގޮތުގައި ދައުލަތަށް ލިބިފައިވެއެވެ.

ޒަކާތުގެ ނިސާބާއި އުސޫލުތައް

މުދަލު ޒަކާތް ވާޖިބުވާ ނިސާބަށް އެންމެ ފަހުން ގެނައި ބަދަލާއެކު، މިހާރު މުދަލު ޒަކާތުގެ ނިސާބަކީ 19,527.90 ރުފިޔާ އެވެ. މުދަލު ޒަކާތުގެ ނިސާބު ކަނޑައެޅުމުގައި ބަލަނީ ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލުތަކަށެވެ.

މުދަލު ޒަކާތް ބަލައިގަތުމުގެ އިންތިޒާމުތައް މީރާ މެދުވެރިކޮށެވެ. މިގޮތުން މީރާގެ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ފަސޭހަކަމާއެކު ޒަކާތް ދެއްކޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މުދަލު ޒަކާތް ބަލައިގަތުމާ ގުޅޭ ގޮތުން މޯލްޑިވްސް ޒަކާތު ހައުސްއާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއާއި ދެމެދު 31 ޑިސެމްބަރު 2025 ގައި ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.