ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަށް މަނީ ލޯންޑާ ކުރުމަށް އެހީތެރިވި ކަމަށް ބުނެ އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ކަނޑައަޅައިފިއެވެ.
ދައުލަތުން މި މައްސަލައިގައި ތުހުމަތުކޮށްފައިވަނީ އަމިން އެވެނިއުގެ ދެ އެޕާޓްމެންޓް ގަތުމަށް އެފްއޭއެމްގެ ފައިސާ ބޭނުންކޮށް، އެ މުއާމަލާތްތަކުގައި އަމިން ކުންފުނިން އޮޅުވާލުންތަކެއް ގެންގުޅުނު ކަމަށެވެ. ނަމަވެސް ޝަރީއަތުން ނިންމީ އެ ކުންފުނީގެ މައްޗަށް ކުރި މަނީ ލޯންޑްރިންނަށް އެހީތެރިވުމުގެ ކުށް ސާބިތުވާ މިންވަރަށް ހެކި ލިބިފައިނުވާ ކަމަށެވެ.
މި މައްސަލައިގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި، އެފްއޭއެމްގެ 1.2 މިލިއަން ޑޮލަރު މާރުކުރުމަށްފަހު، އެއަށްވާ ދިވެހި ފައިސާ އެ އިދާރާގެ މުވައްޒަފެއް ކަމަށްވާ ހަސަން ވަހީދާ އަމިން ކުންފުނިން ހަވާލުކުރިކަން ޝަރީއަތަށް ވަނީ ސާބިތުވެފައެވެ. ނަމަވެސް، އެ ފައިސާ ހަވާލުކުރުމަށްފަހު ދެން ކަންވީ ގޮތާ މެދު ސުވާލު އުފެދިފައިވެއެވެ.
ގާޒީ ފާހަގަކުރެއްވި ގޮތުގައި، ހަސަން ވަހީދާ ހަވާލުކުރި ފައިސާ ބައްސާމްގެ އެޕާޓްމެންޓް ގަންނަން ބޭނުންކުރި ކަމަށް ބާރުދޭ އެކަށީގެންވާ ހެއްކެއް ދައުލަތަށް ހުށަހެޅިފައެއް ނުވެއެވެ. އަދި އެޕާޓްމެންޓަށް ދައްކަންޖެހޭ ފައިސާގެ އަދަދާއި ހަވާލުކުރި ފައިސާގެ އަދަދު އެއްވަރުވުމަކީ އެ ފައިސާ އެކަމަށް ބޭނުންކުރި ކަމުގެ ގާނޫނީ ހެއްކެއް ނޫން ކަމަށްވެސް ހުކުމުގައި ބަޔާންކޮށްފައިވެއެވެ.
މި މައްސަލައިގައި އަމިން ކުންފުނީގެ މައްޗަށް ދައުވާ ސާބިތުނުވި ނަމަވެސް، ބައްސާމްގެ މައްޗަށް ކުރި ހިޔާނާތާއި މަނީ ލޯންޑްރިންގެ ދައުވާ ވަނީ ސާބިތުވެފައެވެ. އެހެންވެ ބައްސާމް އިތުރު 23 އަހަރަށް ޖަލަށްލައި, 44 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް މިއަދު ވަނީ ހުކުމްކޮށްފައެވެ.
ހިޔާނާތާއި މަނީ ލޯންޑްރިންގެ ކުށުގައި ކުރިން ވެސް ނުވަ އަހަރުގެ މުއްދަތަށް ޖަލަށްލާފައިވާ ބައްސާމްގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑްރިންގެ އިތުރު ދައުވާތަކެއް ކުރީ އެފްއޭއެމަށް ފީފާއިން ފޮނުވި 1.2 މިލިއަން ޑޮލަރު (19 މިލިއަނެއްހާ ރުފިޔާ) އަށް އޭނާ ހިޔާނާތްތެރިވި ކަމަށް ބުނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!