އިނގިރޭސިވިލާތުން ފަލަސްތީނު ދައުލަތް ގަބޫލުކުރުމާ ގުޅިގެން، ކުރިން "ޕަލެސްޓީނިއަން މިޝަން ޓު ދަ ޔޫކޭ" ގެ ނަމުގައި ހިންގަމުން އައި އޮފީހުގެ ނަން "އެމްބަސީ އޮފް ދަ ސްޓޭޓް އޮފް ޕަލެސްޓައިން" އަށް ބަދަލުކޮށް، ފުރިހަމަ ސިޔާސީ ދަރަޖައާއެކު ލަންޑަނުގައި ހުންނަ ފަލަސްތީނުގެ އެމްބަސީ ހޯމަ ދުވަހު ރަސްމީކޮށް ހުޅުވައިފިއެވެ.
ފަލަސްތީނުން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހުސާމް ޒޮމްލޮޓް އެމްބަސީ ހުޅުއްވައިދެއްވީ ލަންޑަނުގައި ހުންނަ އެމްބަސީގެ ރަސްމީ ނަންބޯޑު ދައްކާލުމުގެ ރަސްމިއްޔާތާ އެކުގައެވެ.
އިނގިރޭސިވިލާތުން ރަސްމީކޮށް ފަލަސްތީނު ދައުލަތް ގަބޫލުކުރީ މިދިޔަ ސެޕްޓެމްބަރު މަހުގައެވެ. އަދި ހުޅަނގު ލަންޑަނުގައި ހުންނަ އެ މިޝަންގައި ވަނީ ފަލަސްތީނުގެ ދިދަ ނަގާފައެވެ.
އިނގިރޭސިވިލާތުގެ އިސް އޮފިޝަލުންނާއި، ޑިޕްލޮމެޓިކް ކޯގެ މެންބަރުންނާއި، އިނގިރޭސިވިލާތުގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންނާ މުހާތަބު ކުރައްވައި ވާހަކަދައްކަވަމުން ޒޮމްލޮޓް ވަނީ، ފަލަސްތީނުގެ ރައީސާއި ރައްޔިތުންގެ ނަމުގައި އިނގިރޭސި ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި އެމްބަސީ ހުޅުވުމަކީ ގަރުނެއްހާ ދުވަސްވީ ޖިހާދުގެ ނަތީޖާކަން އޭނާ ފާހަގަކުރެއްވިއެވެ.
"މިއީ އުންމީދީ ދުވަހެއް، މިއީ ސާބިތުކަމުގެ ދުވަހެއް، އަދި މިއީ އިންސާފާއި، ކަރާމާތާއި، ހަމަހަމަކަމުގެ މައްޗަށް ބިނާވެފައިވާނަމަ، ސުލްހައަކީ ހަމައެކަނި ކުރެވިދާނެ ކަމެއް ނޫން ކަމާއި، އެއީ ކޮންމެހެންވެސް ވާނެ ކަމެއްކަން ދުނިޔެއަށް ހަނދާންކޮށްދޭ ދުވަހެއް،" ޒޮމްލޮޓް ވިދާޅުވިއެވެ.
ސަފީރު ވިދާޅުވި ގޮތުގައި މި އެމްބަސީ ހުޅުވުމަކީ ފަލަސްތީނުގެ ރައްޔިތުންނަށް އަމިއްލަ ސިޔާދަތީ ދައުލަތެއް އޮތުމުގެ ހައްގާއި، ދުނިޔޭގެ ގައުމުތަކުގެ މެދުގައި ހަމަހަމަކަން ލިބުމުގެ ހައްގު ގަބޫލުކުރުމެވެ.
"މި އެމްބަސީއަކީ އަހަރެމެންގެ އައިޑެންޓިޓީ ނުވަތަ އަމިއްލަވަންތަކަން އިންކާރު ނުކުރެވޭނެ ކަމާއި، އަހަރެމެންގެ ދިރިތިބުން ފޮހެލެވިގެން ނުދާނެ ކަމާއި، އަދި އަހަރެމެންގެ ފުރާނަތަކުގެ އަގު ވައްޓާނުލެވޭނެ ކަމުގެ ހެއްކެއް،" އޭނާ އިތުރަށް ވިދާޅުވިއެވެ.
ގަރުނަކަށްވުރެ ގިނަ ދުވަސް ވަންދެން އަމިއްލަ އިހުތިޔާރުގައި ކަންކަން ނިންމުމުގެ ހައްގުން މަހުރޫމްކޮށްފައިވާ ރައްޔިތަކަށް މިއީ "ތާރީޚީ ވަގުތެއް" ކަމަށް ސަފީރު ސިފަކުރެއްވިއެވެ.
"މިއަދު، އިނގިރޭސިވިލާތުގައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް އެމީހުންގެ ގައުމުން ބޭރުގައި އަމިއްލަ ގެއެއް ލިބިއްޖެ - އިނގިރޭސި ބިމުގައި ފަލަސްތީނުގެ ބައެއް،" އޭނާ ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ ގާނޫނުތަކުގެ މައްޗަށް ބިނާވެފައިވާ، އިސްރާއީލުގެ އިސްތިއުމާރު ނިމުމަކަށް ގެނެސް، ފަލަސްތީނުގެ ރެފިއުޖީންގެ ހައްގުތައް ފުރިހަމައަށް ލިބިދޭ އިންސާފުވެރި އަދި ދެމެހެއްޓެނިވި ސުލްހައަކަށް ފަލަސްތީނުން ކުރާ މަސައްކަތުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން އޭނާ އަލުން ދެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!