ހއ. ދިއްދޫގައި އެއާޕޯޓު ތަރައްގީކުރުމަށް ބޭނުންވާ ބިމާއި، އެރަށުގެ ބޯހިޔާވަހިކަމަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫޢު މިއަދު ފަށައިފިއެވެ.
މިއަދު ހަވީރު ދިއްދޫގައި އޮތް ރަސްމިއްޔާތުގައި މި މަޝްރޫޢު ފައްޓަވައިދެއްވީ މާލީ ވަޒީރު މޫސާ ޒަމީރެވެ.
މި ރަސްމިއްޔާތުގައި ދިއްދޫ ދާއިރާގެ މެމްބަރު ޢަބުދުއްލަތީފް މުހައްމަދު (ލަތީބެ) އާއި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ދިއްދޫ އެއާޕޯޓް އަޅަން ބޭނުންވާ ބިމާއި ބޯހިޔާވަހިކަމަށް ބޭނުންވާ ބިން ހިއްކަން ފެށުން، ފޮޓޯ: އެމްއޭސީއެލް
މި މަޝްރޫޢުގައި ބިން ހިއްކުމަށް ބޭނުން ކުރާ ޑްރެޖަރަކީ ދުނިޔޭގައިވެސް ފާހަގަކޮށްލެވޭ ބޮޑު ޑްރެޖަރެއް ކަަމަށެވެ. ޓްރެއިން ސަކްޝަން ހޮޕަރ ޑްރެޖަރ، ލެއިވް އެރިކްޝަން ނަމަކަށް ކިޔާ މި ޑްރެޖަރަކީ 46000 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުރި ޑްރެޖަރެކެވެ. މިއީ، ބިން ހިއްކުމުގެ މަސައްކަތް އަވަސް ކުރުމަށް ސަރުކާރުން ގެނައި 3 ވަނަ ޑްރެޖަރެވެ.
މި މަޝްރޫޢުގެ ދަށުބް 115 ހެކްޓަރ ބިން ދިއްދޫ އަށް އިތުރުވާނެކަމަށް މައުލޫމާތު ލިބެއެވެ.
ދިއްދޫ ބިން ހިއްކައިގެން އެއާޕޯޓު އެޅުމުގެ މަޝްރޫއު ހަގީގަތަކަށް ހައްދަވައި ދެއްވާނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. 2024 ވަނަ އަހަރު ފެބްރުއަރީ މަހު ބޮޑުތިލަދުންމައްޗަށް ރައީސް މުއިއްޒު ކުރެއްވި ދަތުރުފުޅުގައި ފެބްރުއަރީ 25 ވަނަ ދުވަހު ހއ. ދިއްދޫ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން، ރިޔާސީ އިންތިހާބުގެ ތެރޭގައި ދިއްދު އަށް ވަޑައިގެން ވެވަޑައިގެންނެވި ވައުދުތައް ފުއްދަވައި ދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި 2025 ވަނަ އަހަރު ޖެނުއަރީގައި އެރަށަށް ވަޑައިގެން ރައީސް ވަނީ ދެން އެރަށަށް ވަޑައިގަންނަވާނީ އެރަށު އެއާޕޯޓަށް ޖައްސާ ފްލައިޓްގައި ކަމަށް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!