ހަނިމާދޫ ސިއްހީ މަރުކަޒުގެ ޚިދުމަތާއި ކުޑަކުދިންގެ ބަލިތަކުގެ ޚާޢްޞަ ޑޮކްޓަރެއް ގުޅިއްޖެއެވެ.
ކުޑަކުދިންގެ ބަލިތަކުގެ ޚާޢްޞަ ޑޮކްޓަރ. ޑރ. އަލީނާ ޢަލީ އެ މަރުކަޒުގެ ޚިދުމަތާއި ގުޅުންކަން ހާމަކޮށް ހަނިމާދޫ ސިއްހީ މަރުކަޒުން އިއްޔެ ވަނީ މަރުޙަބާ ކިޔާފައެވެ.
ހުސްވި ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ހަނިމާދޫ ސިއްހީ މަރުކަޒުގެ ޚިދުމަތާއި ވަނީ ފިޒިޝަނެއް ވެސް ގުޅިފައެވެ.
ކުރިން ދެ މެޑިކަލް އޮފިސަރުން ޚިދުމަތްކުރަމުން އައި ހަނިމާދޫ ސިއްހީ މަރުކަޒަށް މި ސަރުކާރުން ވަނީ އަންހެނުންގެ ޚާއްޞަ ޑޮކްޓަރެއް ވެސް ހަމަޖައްސައިދެއްވާފައެވެ.
މި ޑޮކްޓަރުން ހަނިމާދޫ ސިއްހީ މަރުކަޒަށް ހަމަޖައްސައިދިނުމަކީ، ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ވައުދުފުޅެއްކަމުގައިވާއިރު، ރައީސްގެ ވައުދުފުޅާއި އެއްގޮތަށް މިހާރު އެ މަރުކަޒަށް ވަނީ އަންހެނުންގެ ޚާއްޞަ ޑޮކްޓަރަކާއި، ކުޑަކުދިންގެ ބަލިތަކުގެ ޚާޢްޞަ ޑޮކްޓަރަކާއި އަދި ފިޒިޝަނެއް ހަމަޖެހިގެން ގޮސްފައެވެ.
ރަށުގެ އާބާދީ ރަޖިސްޓަރީގައި 2300 އެއްހާ މީހުން އޮތް ނަމަވެސް ހަނިމާދޫ އަކީ އެކި ބޭނުންތަކުގައި ގިނަ ބަޔަކު ވަޒަންވެރިވެ ދިރިއުޅެމުން އަންނަ ރަށެކެވެ. އިތުރު ދެ ރަށެއްގެ މީހުން ހިޖުރަކޮށްފައިވާ މިރަށަކީ އިންޓަނޭޝަނަލް އެއާޕޯޓަކާއި، ސިޓީ ހޮޓަލަކާއި ގިނަ ގެސްޓްހައުސްތަކެއް ވެސް ހުންނަ ރަށެކެވެ.
ހަނިމާދޫ ސިއްހީ މަރުކަޒަކީ 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދޭ ތަނެކެވެ. އެރަށުގައި ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!