ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ 2026 ވަނަ އަހަރުގެ ބަޖެޓް އަންގާރަ ދުވަހު ބޭއްވި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ޢާންމު ބައްދަލުމުން ފާސްކޮށްފިއެވެ.
މި ޖެޓް ފާސްކޮށްފައި ވަނީ އަންގާރަ ދުވަހު ބޭއްވި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 238 ވަނަ ޢާންމު ބައްދަލުވުގައެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނެފައިވާގޮތުގައި އެ ބައްދަލުވުމުގައި ވަނީ އެ ކައުންސިލްގެ 2026 ވަނަ އަހަރުގެ ބަޖެޓްގެ ގޮތުގައި 114،590،288.76 ރުފިޔާ ފާސްކޮށްފައެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އަންނަ އަހަރުގެ ބަޖެޓް ފާސްކުރިއިރު، މި ހިނގާ އަހަރުގެ ތެރޭގައި ވެސް ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެ ސިޓީގެ ތަރައްގީއާއި ރައްޔިތުންގެ އިޖުތިމާއީ ދުޅަހެޔޮކަމަށް މުހިންމު ގިނަ މަސައްކަތްތަކެއްކޮށްފައިވާކަން ފާހަގަކޮށްލެވެެއެެވެ.
މިގޮތުން ކުރި ބައެއް މަސައްކަތްތަކަށް ބަލާއިރު، މި މަހުގެ 27 ވަނަ ދުވަހުގެ ރޭ ވަނީ ކުޅުދުއްފުށީ ސިޓީގެ ބޯޒިޔާރަތް ސަރަހައްދު ގޮނޑުދޮށް ހިމާޔާތްކުރުމާއެކު ބޯޒިޔާރާތް ބީޗު ސަރަހައްދު ހިތްފަސޭހަ ތަނެއްގެ ގޮތުގައި ތަރައްގީކޮށް ނިމުން ފާހަގަކޮށްފައެވެ. ދެ މަޝްރޫއަކަށް ބަހާލެވިގެން ކުރިއަށް ގެންދިޔަ މި މަސައްކަތުގެ ދަށުން ބެންޒީ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރެވިގެން ގޮނޑުދޮށް ހިމާޔަތް ކުރުމާއި މޫދު އެރޭ ސަރަހައްދު ތަރައްޤީ ކުރުމުގެ މަސައްކަތަށް 3,378,000.24 ރުފިޔާ ހޭދަކޮށްފައިވާއިރު، ޕްލަސް ބީ އާއި ހަވާލުކޮށްގެން ކުރި ބޯޒިޔާރަތް ސަރަހައްދު ތަރައްޤީ ކުރުމުގެ މަސައްކަތް ވަނީ 4,011,392.68 ރުފިޔާ ޚަރަދު ކޮށްފައެވެ.
މީގެ އިތުރުން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ އެ ސިޓީގެ ހޮނިހިރު ބާޒާރު އޮންނަ ސަރަހައްދު ތަރައްގީކުރުމުގެ ފުރަތަމަ ފިޔަވަހި ނިންމައި 13 ޑިސެމްބަރު 2025 ގައި ބޭނުންކުރުމަށް ހުޅުވާލާފައެވެ. ކުޅުދުއްފުށީ ސިޓީ ހޮނިހިރު ބާޒާރަކީ ވަރަށް ގިނަ ޢަދަދެއްގެ މީހުން ޒިޔާރަތްކުރާ ބާޒާރެކެވެ. ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހަކީ އެންމެ އުތުރު 3 އަތޮޅުގެ ރައްޔިތުން ސިއްޚީ ހިދުމަތް ހޯދުމަށާއި، ވިޔަފާރި ކުރުމާއި އެނޫންވެސް ގިނަ ބޭނުންތަކެއްގައި ކުޅުދުއްފުށީ ސިޓީއަށް ޒިޔާރަތްކުރާ ދުވަހެކެވެ. މި ބާޒާރުން އުތުރުގެ ގިނަ ރަށްތަކެއްގައި އުފައްދާ ކާބޯތަކެއްޗާއި، ދަނޑުވެރިކަމުގެ ގިނަ އަދަދެއްްގެ ބާވަތްތައް ލިބެން ހުރެއެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ 2.6 މިލިއަން ރުފިޔާ ހަރަދުކޮށްގެން އެ ސިޓީގެ ރުމަތި ފަރާތްތަކުގައި ތަރައްގީކުރި ''ގަލަދުން ޕާރކު'' ވެސް ޑިސެމްބަރު ފުރަތަމަ ހަފުތާގައި ހުޅުވާފައެެވެ.
ނޮވެމްބަރު 3، 1988 ގެ ހިތްދަތި ހަމަލާގައި ދިވެހި ޤައުމު ދިފާއުކުރުމަށްޓަކައި ޝަހީދުވި ބަޠަލު، ހދ. ކުޅުދުއްފުށީ މާވާގޭ، ޝަހީދު ޙުސައިން އާދަމްގެ ހަނދާނުގައި އެ ސިޓީގައި ސިޓީ ކައުންސިލުން ތަރައްޤީކުރި ޚާއްޞަ ބިނާ ވެސް ވަނީ މި އަހަރުގެ ނޮވެމްބަރު 3 ވަނަ ދުވަހު ރަސްމީކޮށް ހުޅުވާފައެވެ.
ސިޓީ ކައުންސިލްގެ ވެސް ބައިވެރިވުމާއެކު، މޯލްޑިވްސް އޯތެންޓިކް ކްރާފްސް ކޯޕަރޭޓިވް ސޮސައިޓީއިން ސަކެޕް ޕްލީސް ޕްރޮޖެކްޓްގެ ދަށުން އެ ސިޓީގައި އިމާރާތް ކުރި މެޓީރިއަލް ރިކަވަރީ ފެސިލިޓީ (އެމްއާރްއެފް) ވެސް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވަނީ ހުޅުވާފައެވެ. މިއީ، މޯލްޑިވްސް އޮތެންޓިކް ކްރާފްޓްސް ކޯޕަރޭޓިވް ސޮސައިޓީ (މެކްސް) އާއި ކުޅުދުއްފުށީ ސިޓީ ކައުންސިލް އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގުޅިގެން ކުރިއަށް ގެންދިޔަ މަޝްރޫޢުއެކެވެ.
މީގެ އިތުރުން ވެސް ސިޓީގެ އުމްރާނީ ތަރައްގީއަށް އިތުރު މަސައްކަތްތަކެއް ސިޓީ ކައުންސިލުންކޮށްފައިވާއިރު، ބައިނަލްއަގްވާމީ ފުރަތަމަ ބީޗް ބޯލް މުބާރާތެއް ރާއްޖޭގައި ބޭއްވުމުގެ ޝަރަފް ކުޅުދުއްފުށީ ސިޓީން ހޯދިއިރު، މި އަހަރުގެ ސެޕްޓެމްބަރުގައި އޮތް މި މުބާރާތް، ކޮމަންވެލްތް ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް 2025 ބޭއްވުމުގައި އެ ކައުންސިލްގެ ދައުރުފާހަގަކޮށްލެވެއެވެ. އަދި ކުޅުދުއްފުށީ ޗެމްޕިއަންޝިޕާއި، އެކި އެކި އެހެނިހެން މުބާރާތް، ތަމްރީން، ވޯކްޝޮޕްތައް ވެސް ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!